ޚަބަރު

ސޫރިޔާގައި ޤާއިމުވެ ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރަނީ


ސޫރިޔާގައި ޤާއިމުވެ ތިބި ސިފައިންގެ އަދަދު މަދުކޮށް، އެމެރިކާގެ އަސްކަރީ ހަރަކާތްތައް މަދުކުރުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ އިސް ދެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސޫރިޔާގައި ޤާއިމުކޮށްފައިވާ އަސްކަރީ އެކި މަރުކަޒުތަކުގައި ގާތްގަނޑަކަށް 2،000 އެމެރިކާ ސިފައިން ތިބި ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ސޫރިޔާގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވަނީ ސީރިޔަން ޑިމޮކްރެޓިކް ފޯރަސް (އެސް.ޑީ.އެފް)އަށް އެހީތެރިވުމަށެވެ. އެއީ ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ ޖަމާޢަތެކެވެ. ސޫރިޔާއާއި އިރާޤުގެ ސަރަޙައްދުތަކަށް އަތްގަދަ އައިއެސް ޖަމާޢަތް ބަލި ކުރުމަށް 2019ވަނަ އަހަރާ ޖެހެންދެން ކުރި ހަނގުރާމައިގައި އެމެރިކާއިން އިސް ދައުރެއް އަދާ ކުރިއެވެ.

އެމެރިކާގެ އިސް އޮފިޝަލަކު 'ރޮއިޓަރސް' ނޫހަށް ވިދާޅުވި ގޮތުގައި، ސޫރިޔާގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވުން ކުޑަކުރުމުގެ ތެރެއިން، ޤާއިމުވެ ތިބި ސިފައިންގެ އަދަދު 1،000 އަށް މަދުކުރުމުގެ ވިސްނުން އެބަހުއްޓެވެ.

ނަމަވެސް، އެހެން އޮފިޝަލަކު އެ ނޫހަށް ވިދާޅުވީ އީރާނާ އެކު ނުތަނަސްކަން އޮތް މި ދަނޑުވަޅުގައި އެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތެރިކަން ކުޑަކުރަން ބޭނުންނުވާތީ، ސިފައިންގެ އަދަދު މަދުކުރާނެ ސީދާ ވަކި މިންވަރެއް ނިންމާފައިނުވާ ކަމަށެވެ.

އެމެރިކާއިން ވާގިވެރިވެގެން، އެސްޑީއެފުން މިހާރު ވަނީ ސޫރިޔާގެ އިންތިޤާލީ ސަރުކާރާ އެކު އެއްބަސްވުމެއް އެކުލަވައިލައިފިއެވެ.

މިގޮތުން، އެސްޑީއެފުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އަލް-ޝަރާޢުގެ އަސްކަރިއްޔާއާ ގުޅުމަށް މިހާރު ވަނީ އެއްބަސްވެފައެވެ.