ޚަބަރު

ސިއްރުތަކެއް ހާމަކުރި ކަމުގެ ތުހުމަތުގައި އެމެރިކާގެ ދިފާޢީ މުޝީރަކު އެއްފަރާތްކޮށްފި


ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ތުހުމަތު ކުރެވުމާ އެކު އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އިސް މުޝީރު، ޑޭން ކޮލްޑްވެލް މަޤާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. ކޮލްޑްވެލަކީ އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ އިސް އޮފިޝަލެކެވެ. މަޤާމުގެ މަސްޢޫލިއްޔަތުތަކުން އޭނާ ދުރުކޮށް، ޕެންޓެގަނަށް އެތެރެވުމާއި، ޕެންޓެގަންގައި ހުރި މަޢުލޫމާތު ހޯދުމުގެ ހުއްދަތައް ކަނޑައިލާފައިވާ ކަން އެމެރިކާގެ މަޞްދަރުތަކުން ކަށަވަރު ކޮށްދެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތުތަކުން ކޮލްޑްވެލް ދުރުކޮށްފައިވީ ނަމަވެސް، މަޤާމުން ވަކިކޮށްފައެއް ނުވެއެވެ. އެމެރިކާ ސަރުކާރުގެ މަޞްދަރުތަކުން ބުނީ، ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ތުހުމަތު ކުރެވުމާ އެކު އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމުގައެވެ. އަދި، މި މައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ކަމުގައެވެ. އޭނާ ހާމަކޮށްފައި ވަނީ ކޮން މަޢޫލޫމާތެއް ކަން، އަދި އެ މަޢުލޫމާތު ހިއްސާ ކޮށްފައި ވަނީ ކޮން ފަރާތަކާ ކަން ވެސް ސާފެއް ނޫނެވެ. ނަމަވެސް، އެއީ ޤައުމީ ސަލާމަތާ ގުޅުން ހުރި މަޢުލޫމާތުތަކެއް ކަމުގައި ބައެއް މީޑިޔާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެމެރިކާގެ ދައުލަތުގެ ސިއްރުތައް ހާމަ ކުރަމުންދާ މައްސަލަ ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި، އެ ކަން ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ކަމަށް ހެގްސެތުގެ އިތުރުން ޕެންޓެގަނުން ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެމުންދާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.

ކޮލްޑްވެލަކީ އެމެރިކާގެ ދިފާޢީ ވުޒާރާ އަދި ޕެންޓެގަންގައި މަސައްކަތް ކުރާ އެހެން ބޭފުޅުންނާ އަޅައިބަލާއިރު، ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް، ހެގްސެތުގެ އިސް މުޝީރެއްގެ ގޮތުން އޭނާ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ޔަމަނަށް އެމެރިކާއިން ދާދިފަހުން ދިން ނިރުބަވެރި ޙަމަލާތަކެއްގެ މަޢުލޫމާތު ހިއްސާ ކުރުމަށް އެމެރިކާގެ ދިފާޢީ ދާއިރާގެ އިސްވެރިން ސިގްނަލް އެޕްލިކޭޝަންގައި ބޭނުން ކޮށްފައިވާ ގުރޫޕުގައި ހެގުސެތު ވަނީ ކޮލްޑްވެލްގެ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އޭނާއަކީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން ޕެންޓެގަންގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެއް މުވައްޒަފުގެ ގޮތުގައި ހެގްސެތު ވަނީ ސިފަ ކުރައްވާފައެވެ. ނަމަވެސް، ކޮލްޑްވެލަކީ އެމެރިކާއިން ޢިރާޤަށް އަރައި ކުރި ހަނގުރާމައާ ދެކޮޅަށް އަޑު އުފުއްލަވާފައިވާ ބޭފުޅެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.