ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ކީރިތި ޤުރުޢާނުން އިރުޝާދު ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އީގަލްސް ކޮމިއުނިޓީގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ އީގަލްސް ކޮމިއުނިޓީން މިފަދަ މުބާރާތެއް ބޭއްވުމަކީ އެޖަމްޢިއްޔާގެ އިޖްތިމާޢީ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސާޖިދާގެ ވާހަކަފުޅުގައިވަނީ ކީރިތި ޤުރުޢާނުގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބައްޓަން ކުރުމަށް ސަމާލުވުމަށް ގޮވާލައްވާފައެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެއިރުޝާދުތައް ހިމެނުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
"ކުރުކޮށް ދަންނަވަންޏާ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އިރުޝާދު ލިބިގަންނަނީ ކީރިތި ޤުރުއާނުންކަމުގައި ހެދުން. މިފަދަ މުބާރާތްތަކުގެ ހަގީގީ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ އޭރުން. ޤައުމަށް ހެޔޮ ބަދަލުތައް އަންނާނީ އޭރުން. ދިވެހިންގެ މާދަމާ އަމާންކަމާއި އުޖާލާކަމަށް އަލިވިލޭނީ އޭރުން " ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.
އީގަލްސް ކޮމިއުނިޓީ ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައިވަނީ މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައެވެ. މިމުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މުޅި މުބާރާތުން އެއްވަނަ ހޯދީ މަރިޔަމް މިޝާ މުހައްމަދުއެވެ. ދެވަނަ ހޯދީ ޔޫޝަޢު ބިން މުހައްމަދު ތައުފީޤް ޢަލީއެވެ. އަދި ތިންވަނަ ހޯދީ ޢާއިޝް މުސްޠަފާއެވެ.
އީގަލްސް ކޮމިއުނިޓީން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 174 ކުދިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ އީގަލްސް ކޮމިއުނިޓީ އެ ސަރަހައްދަކަށް ނިސްބަތްވާ މާފަންނުގެ ތާޖުއްދީން ސްކޫލުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ.
އީގަލްސް ކޮމިއުނިޓީން ބުނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމާއި އަދި ޙާފިޒުންނަށް ޚާއްސަކޮށްގެން މިއަހަރަށްވުރެ ފުޅާދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް މަސައްކަތްކުރާނެކަމަށެވެ.