ސްވިމް މޯލްޑިވްސްއާއި ދިރާގު ގުޅިގެން ބާއްވާ ފެތުމުގެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް
ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވަލާފައިވާކަން ހާމަކޮށްފައިވަނީ ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައެވެ.
"ދިރާގު މާލެ އޯޕަން"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެތުމުގެ މިމުބާރާތް އޮންނާނީ އަންނަ މެއިމަހުގެ 24 ވާ ހޮނިހިރުދުވަހުއެވެ. ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް އިންތިޒާމްކޮށްފައިވާ މިމުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ބޭނުންވާ ކުދިންނަށް ފިންސާއި މާސްކު އަޅައިގެން ފެތުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ސްވިމް މޯލްޑިވްސްއިން ބުނެއެވެ.
ދިރާގުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ، މިމުބާރާތަކީ ދިރާގާއި ސްވިމް މޯލްޑިވްސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މުބާރާތެއްކަމަށެވެ. އަދި އަމާޒަކީ 300އަށްވުރެ ގިނަ ބައިވެރިން މިފަހަރުގެ މުބާރާތުގައި ބައިވެރިވުންކަަމަށް ދިރާގުން ވިދާޅުވެއެވެ.
"ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފަސޭހައިން މޫދަށްދެވޭ ޤައުމު، އެއްގަމުން މޫދާ ހިސާބަށް އެންމެ ދުރު ޕޮއިންޓަކީ 800މީޓަރު. އެހެންވީމަ މިކަހަލަ ގައުމެއްގަ ފެތުމަކީ ހުރިހާ ކުދިންނަށް ޚާއްސަގޮތެއްގައި ކުޑަކުދިންނަށް އެނގެންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެންގެ ޖަމްޢިއްޔާއިން ޤަބޫލުކުރަން". ހުސައިން ޝަމީމް ވިދާޅުވިއެވެ.
މިމުބާރާތުގެ މަޤްސަދަކީ ރާއްޖޭގައި ފަތަން ދަންނަ މީހުންގެ އަދަދު އިތުރުކުރުމާއި، ރާއްޖޭގައި ފެތުމުގެ ސަޤާފަތް ދިރުވާ އާލާކުރުންކަމަށް ސްވިމް މޯލްޑިވްސްއިން ބުނެއެވެ.
ދިރާގާއި، ސްވިމް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުވެސްވަނީ ފެތުމުގެ މުބާރާތެއް ބާއްވާފައެވެ. އެމުބާރާތަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަން ސްވިމް މޯލްޑިވްސްއިން ފާހަގަކުރައްވައެވެ.