ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޅިވަރު ގާނޫނުގެ ބިލުގައި އާބިޓްރޭޝަން ގާނޫނާއި ޖަމިއްޔާތަކުގެ ގާނޫނާ ފުށޫއަރާ ކަންތައްތަކެއް ހުރުމުން، އެކަން ހައްލުކުރުމުގެ ގޮތުން އަނެއްކާވެސް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ކޮމިޓީ މަރުހަލާގައި ދިރާސާ ކުރައްވަމުންދާ މި ބިލާއި ގުޅޭ ގޮތުން އިޖުތިމާއީ ކޮމިޓީގެ މެންބަރުންގެ މެދުގައި ކުރިއަށް ދިޔަ ބަހުސްތަކުގައި ކުޅިވަރު ގާނޫނާއި، އާބިޓްރޭޝަން ގާނޫނާއި، ޖަމުއިއްޔާތަކުގެ ގާނޫނާއި، އެ ބިލުގައި ހުރި ބައެއް މާއްދާތަކާއި ފުށޫއެރުންތަކެއް ހުރިކަމަށް ވާހަކަ ދެކެވުނުއެވެ. އެެހެންކަމުން އެކަމާމެދު ބަންޑާރަ ނައިބުގެ އޮފީހުގެ ލަފާ ހޯދުމަށް މިއަދު ވަނީ ކޮމިޓީއަށް އެ އޮފީހުގެ ބޭފުޅަކު ވަނީ ހާޒިރުކޮށްފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ކޮމިޓީއަށް ވަޑައިގެންނެވި ސީނިއާ ސްޓޭޓް، އަލްއުސްތާޒު އަލީ ހުސެއިންއެވެ. އޭނާ ވިދާޅުވީ މި ބިލު ފުރަތަމަ ހުށަހެޅިގެން އައިރު މައިގަނޑު ކަންބޮޑުވުމަކަށް ފާހަގަކުރެވިފައި އޮތީ ކުޅިވަރު ދާއިރާގެ މީހުންގެ މެދުގައި އާންމުކޮށް ހެދިފައި ހުންނަ އެއްބަސްވުންތަކުގައި އާބިޓްރޭޝަން މާއްދާތައް އޮތް ނަމަވެސް، އެފަދަ އެއްބަސްވުންތަކާއި ގުޅިގެން އުފެދޭ މައްސަލަތަކުގައި ކޯޓަށްދާންޖެހޭ ޖެހުމަށް ހައްލު ހޯދައިދިނުން ކަމަށެވެ.
އެހެންކަމުން ބިލުގައި އާބިޓްރޭޝަން ގާނޫނާއި ހަވާލާދީ، އެގޮތަށް ބަޔާންކޮށްފައިވާ މާއްދާ އުނިކުރުމަށް އަލުން އިސްލާހު ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.
ކުޅިވަރު ގާނޫނުގެ ބިލު ހުށަހެޅިއިރު އެގޮތަށް ހަވާލާދިނީ އާބިޓްރޭޝަން ގާނޫނެއް އޮންނާތީ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ގާއިމުކޮށްފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ސްޕޯޓްސް އާބިޓްރޭޝަނާއި ގުޅޭ ބައެއް ނެތުމުން އެތަނަށް ހުށަހަޅައިގެން އާބިޓްރޭޝަން މަރުހަލާ ކުރިޔަށް ގެންދިއުމަށް ދަތިތަކެއް އެބަހުރި ކަމަށް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.
"އެހެންވީމަ މިއަދު އަޅުގަނޑުމެން ފޮނުވާފައިވާ އިސްލާހުތަކުގެ ތެރޭގައި ވާނެ އާބިޓްރޭޝަން ގާނޫނާއި ހަވާލާ ދީފައި އޮތް އޮތުން އުނިކުރުން. އެ މާއްދާ އުނިކުރީމަ މައްސަލައެއް ދިމާ ނުވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ" ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު އަލީ ހުސެއިން ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވުމުން ރާއްޖޭގެ ކުޅިވަރުގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކުޅިވަރުގެ ޤާނޫނުން ފަހިވާނެ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. "ޕީއެސްއެމް ނިއުސް" ގެ ޕްރޮގްރާމެއްގައި އޭރު ވަޒީރު ވިދާޅުވެފައިވަނީ ދިގުރާސްތާ ޕްލޭންގެ ތެރެއިން ހުނަރުހުރި ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިން ކުރިއެރުމަށް ހޭދަކޮށް، ތަމްރީނުތަކަށް ބޭރުގެ ގައުމުތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.