މި އަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތުގެ އަމްޕަޔަރުންގެ ގޮތުގައި ރަށުގެ ފުރާވަރު އުމުރުގެ ކުދިން ހަރަކާތްތެރިވާނެ ކަމަށް އެ މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ އިހާ ޓީޓީ އެކެޑަމީގެ އެޑްވައިޒަރު އަޙްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ކުރީގެ ޓީޓީ ޗެމްޕިއަން ލަތީފް ވިދާޅުވީ މި މުބާރާތުގައި އިހާ ޓީޓީ އެކެޑަމީގެ އިންޓަރނޭޝަނަލް އަމަޕަޔަރުންގެ އިތުރުން ރަށުގެ ކުދިން އަމަޕަޔަރުންގެ ގޮތުގައި ފެންނާނެ ކަމަށެވެ. އަދި މިކުދިން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން ޖޫން މަހާއި ޖުލައި މަހު ޓްރެއިނިންތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ލަތީފުގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ.
"މިކުދިންނަކީ މިއަހަރު އޯލެވެލް ހަދާކުދިން. އެހެންވީމަ އޯ ލެވެލްއަށްފަހު ޓްރެއިނިންގތައް ކުރިއަށްގެންދަން ރާވާފަވަނީ. ގާތްގަނޑަކަށް ދެމަސްދުވަސް އެބަ ލިބޭ މުބާރާތާ ދޭތެރޭ. ދެމަސް ދުވަހުން އެކުދިން މުބާރާތަށް ތައްޔާރުކުރެވޭނެ" ލަތީފް ވިދާޅުވިއެވެ.
ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތަށް ރަށުން ތަމްރީނުކުރާ އަމްޕަޔަރުން ތަމްރީނުވެގެންދާނީ އިހާ އެކެޑަމީގައި ތިބި އިންޓާނޭޝަނަލް އަމަޕަޔަރުންގެ އިރުޝާދުގެ ދަށުންކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އެ ކުދިން ތަމްރީނުކުރުމަށްފަހު މުބާރާތަށް ހޭނުމުގެ ގޮތުން "ޓްރަޔަލް މެޗުތަކެއް" ކުޅުމަށް ރާވާފައިވާ ކަމަށެވެ.
"އޮލިމްޕިކްސް ފަދަ މުބާރާތްތަކުގަވެސް އޮންނާނެ މިފަދަ ޓްރަޔަލް މެޗުތައް. މީގެ ބޭނުމަކީ އަމްޕަޔަރުން މެޗުތަކަށް ހޭނުން. މާލޭން ކުޅުންތެރިން ތޮއްޑޫއަށް ދާނެ މި މެޗުތަކަށް" އަމްޕަޔަރުން ތަމްރީނުކުރުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ލަތީފް ވިދާޅުވިއެވެ.
މި މުބާރާތުގައި އަމަޕަޔަރުންގެ ޑިރެކްޓަރަކަށް ހުންނަވާނީ ތުރުކީގެ ބޭފުޅެއްކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފައެވެ. އޮގަސްޓު މަހުގެ 19 އިން 25 އަށް މި މުބާރާތް ތާވަލުކޮށްފަވާއިރު، މިހާތަނަށް މިމުބާރާތުގައި 18 ގައުމަކުން ސަތޭކައަށްވުރެ ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޖަރުމަނާއި، ސްޕެއިން، ނިއުޒީލެންޑް، އެމެރިކާ، ޗައިނާ، ރަޝިޔާ އަދި އިންޑިއާގެ ކުޅުންތެރިންވެސް ހިމެނެއެވެ.
ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގައި ބޭއްވޭ ޓީޓީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތަކީ ތޮއްޑޫ ކައުންސިލާއި، ތޮއްޑޫ ލޯކަލް އޮތޯރިޓީގެ އިތުރުން އިހާ ޓީޓީ އެކެޑަމީން އިންތިޒާމުކުރާ މުބާރާތެކެވެ.