ކުޅިވަރު

އަލްވަރޭޒްގެ ދެ ލަނޑާއެކު އެތުލެޓިކޯއަށް މޮޅެއް


ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. ތާވަލުގެ ފުލުގައި އޮތް ވަޔަޑޮލިޑާ ދެކޮޅަށް މި މެޗުގައި އެތުލެޓިކޯގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒްގެ ދެ ލަނޑު ވަނީ ފެނިގެންގޮސްފައެވެ.

އެތުލެޓިކޯ މެޑްރިޑްގެ އަމިއްލަ ދަނޑު މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗުން މޮޅުވެ އެތުލެޓިކޯއަށް ވަނީ 63 ޕޮއިންޓް ލިބިފައެވެ. މިއާއެކު ތާވަލުގެ ތިންވަނަ އެ ޓީމަށް ލިބިފައިވާއިރު، ވަޔަޑޮލިޑް އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ވަޔަޑޮލިޑުންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި އެތުލެޓިކޯގެ ކްލެމެންޓް ލޯންގްލޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވަޔަޑޮލިޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ މަމަޑޫ ސިއްލާއެވެ. ނަމަވެސް އޭރިއާ ތެރެއިން ވަޔަޑޮލިޑްގެ ހާވީ ސަންޗޭޒް ކުރި ފައުލަކާ ގުޅިގެން މެޗުގެ 25 ވަނަ މިނިޓުގައި އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީއަކުން އަލްވަރޭޒް ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެތުލެޓިކޯގެ ޖޫލިއަން ސިމިއޯނީ ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ.

މި މެޗުގައި ވަޔަޑޮލިޑުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަވީ ސަންޗޭޒްއެވެ. ނަމަވެސް މެޗުގެ 71 ވަނަ މިނިޓުގައި އެތުލެޓިކޯއަށް ލިބުނު އިތުރު ޕެނަލްޓީއަކުން އަލްވަރޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް، އަނެއްކާވެސް އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މި މެޗުގައި އޭނާއަށް ވަނީ ހެޓްރިކަށް ހަދަން ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ. އެގޮތުން މެޗުގެ 79 ވަނަ މިނިޓުގައި އަލްވަރޭޒްއަށް ލިބުނު ފުރުސަތަށް ހުރަސްއަޅާފައިވަނީ ވަޔަޑޮލިޑްގެ ގޯލްކީޕަރު އޯންޑްރޭ ފެރޭރާއެވެ. އެތުލެޓިކޯއިން މި މެޗުގައި ލީޑު ފުޅާކުރީ 79 ވަނަ މިނިޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށްއެރި އެލެގްޒެންޑަރ ސޯލޯތު ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެތުލެޓިކޯގެ ގޯލާ ރައްޓެހި އަލްވަރޭޒް ބުނެފައިވަނީ މެޗުން ލިބުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށެވެ. އަދި ޓީމުން ކުރިއަށްދާނީ އެގޮތުގައި ކަމަށާއި، މިހާރު ހުރިހާ ފޯކަސްއެއް އޮތީ ހޮނިހިރު ދުވަހު ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ކަމަށްވެސް ނޫސްވެރިންގާތު އޭނާވަނީ ބުނެފައެވެ.

އަލްވަރޭޒްގެ ވާހަކައިގައި އޭނާ ބުނެފަވަނީ މެޗުގައި ހެޓްރިކް ހަދަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން އެކަމާ ކޮންމެވެސް ވަރެއްގެ ނުތަނަސްކަމެއް އެބަހުރި ކަމަށެވެ. ނަމަވެސް މެޗެއްގައި އެންމެ މުހިންމީ މޮޅުވުން ކަމަށާއި، އެކަން އޭނާގެ ޓީމުން ހާސިލުކޮށްފައިވާ ކަމަށެވެ.

"ކުޅުމުގެ ތެރެއިން ދިޔަ ވަރަށް އުނދަގޫ ވަގުތުތައް. އެކަމަކުވެސް މައްސަލައެއްނެތް. އަހަރުމެންތާ މޮޅުވީ" ނޫސްވެރިންނާ ވާހަކަދައްކަމުން އަލްވަރޭޒް ބުނެފައިވެއެވެ.

މެޗާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ވަޔަޑޮލިޑްގެ ސަންޗޭޒް ބުނެފަވަނީ އޭނާގެ ޓީމުންވެސް ހިތްވަރުކުރި ކަމަށާއި، މެޗުގެ ނަތީޖާ އެގޮތަށް އެނބުރުން އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ލީގުގައި ބާކީ ހަތް މެޗު އޮތްކަން ފާހަގަކުރަމުން އޭނާ ބުނީ އަދިވެސް އުއްމީދު މަރާނުލާނެ ކަމަށެވެ.