މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް، ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މެލޭޝިޔާގެ އިޤްތިޞާދީ ކުރިއެރުމަށް، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އެ މަނިކުފާނަކީ ހަމަހަމަ ކަމާއި ޤައުމީ އެއްބައިވަންތަކަމާއި، ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ޢާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި، ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޙަމްދަރުދީ ފޮނުއްވަމުންނެވެ.
މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރެވެ. އަބްދުالله އަޙްމަދު ބަދާވީ ބޮޑުވަޒީރުކަން ކުރެއްވީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށެވެ. މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި، މެލޭޝިއާގެ އިޤްތިޞާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށެވެ.