ޚަބަރު

ބިދޭސީންގެ ބައޯމެޓްރިކްސް މިމަހުގެ 30ގެ ކުރިން އަދާހަމަކުރުމަށް އަންގައިފި


  • ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރާނެ

ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާ ފަރާތްތަކުން މިމަހުގެ ނިއަލަށް އެމަޢުލޫމާތު އަދާހަމަކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންގަވައިފިއެވެ.

އެވުޒާރާއިން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީންގެ ހާލަތު ނުވަތަ ވަރކް ޕަރމިޓް ސްޓޭޓަސް މިމަހުގެ 30ވަނަ ދުވަހުގެ ކުރިން އެވުޒާރާއަށް ހިއްސާކުރުމަށްވަނީ އަންގަވާފައެވެ. އަދި މިމުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެކަމަށް އެވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތުވަނީ އެއްކޮށްފައެވެ.

ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެގައި އުޅެމުންދިޔަ 6700އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.