ޚަބަރު

އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެގޮތަށް ކޮމިޓީން ފާސްކޮށްފި


  • އިސްރާޢީލުގެ ހަމަލާތައް ހުއްޓަލަންދެން އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލަންދެން، އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ، ނުވަތަ 241 ކޮމިޓީން ފާސްކޮށްފިއެވެ. އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާހާ ގިނަ މަސައްކަތްތަކެއް އަދި ނިންމުންތަކެއް ސަރުކާރުން ދަނީ ނިންމަވަމުންނެވެ. އެ މައްސަލައިގައި ކުރެވޭނެ ކަންކަން ކަނޑައަޅައި ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުންވެސް މަސައްކަތްތަކެއް ފަށްޓަވާފައިވެއެވެ. މިގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭގޮތަށް ޤާނޫނުތައް އިސްލާހު ކުރުމަށް ނިންމަވައި، އެކަމަށް ޚާއްސަކޮށްގެން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.

މީގެ އިތުރުން އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްވެސް އިޞްލާހެއް ހުށައަޅުއްވާފައިވެއެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެ ބިލު ފާސްކުރުމުގެ ކުރިން ބައެއް އިސްލާހުތައް އެ ބިލަށް ގެންނަވާފައެވެ.

މިގޮތުން ކޮމިޓީން ގެންނެވި އެންމެ މުހިންމު އެއް އިޞްލާހަކީ އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭނެގޮތަށް ގެނައި އިޞްލާހެެވެ. ނަމަވެސް ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް އެތެރެވެވޭނެއެވެ.
ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު62،000އިން މައްޗަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވާ އިމާރާތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްފައިވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ފައުޖުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާއެކުކަން ހާމަކުރައްވައި ދަނީ އަޑުއުފުއްލަވަމުންނެވެ.