ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މަރާމާތުކޮށް އަލުން ހުޅުވުމާ ގުޅޭގޮތުން ސަރުކާރުން އެ ރިސޯޓުގެ އިސް މެނޭޖްމަންޓާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ޝަންގްރިލާގެ އިސް މެނޭޖެމެންޓާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިސޯޓް އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެފަހުގެ ތަފްޞީލު ވަނީ ދެއްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ޝަންގްރިލާ ރިސޯޓް އަލުން ހުޅުވުމަށް ތަފްޞީލީ ރޯޑްމެޕެއް އެކުލަވާލުމާއެކު، އެ ރިސޯޓު ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ޝަންގްރިއްލާ ވިލިނގިލި ރިޒޯޓު އެންޑް ސްޕާ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމެއްކަން މި މަޝްވަރާގެ ބައިވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްގެ އިތުރުން، މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެވަޑައިގަތެވެ.
ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފަރ ފޮންގގެ އިތުރުން، ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރ ނިލޯ އަދި ޑިރެކްޓަރ އޮފް ގަވަރމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، ޝަންގްރިއްލާގެ ފަސް ސީނިއަރ އެގްޒެކެޓިވުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މިރިސޯޓު ހުޅުވާފައިވަނީ ސަރުކާރުގެ %30 ހިއްސާއާއި ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ %70 ހިއްސާއާ އެކުއެވެ.
2023 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސަރުކާރުން ވަނީ ހިއްސާ ދޫކޮށްލާފައެވެ. ސަރުކާރުން ހިއްސާ ދޫކޮށްލީ ކޯވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރުމަށްފަހު އަލުން ނުހުޅުވާ ގިނަ އަހަރުތަކެއްވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވަމުންދާތީއެވެ.
ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވައި އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދަފުޅުކެވެ.