ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ދާއިރާ ފުޅާކުރުމަށް ތައިލެންޑުގެ ލެބޯޓަރީ އެކްރެޑިޓޭޝަން ބޯޑު އެސެސްމަންޓެއް ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، 2008 އިން ފެށިގެން ލެބޯޓަރީ ވަނީ ބައިނަލްއަޤްވާމީ މިންގަނޑު "އައިއެސްއޯ/އައިއީސީ 17025" އަށް އެކްރެޑިޓްކޮށްފައެވެ.
ސިއްހީ ވުޒާރާއިން ވިދާޅުވީ އެ އެކްރެޑިޓޭޝަންގެ ހާލަތު ވަޒަންކުރުމަށާއި، އެކްރެޑިޓް ކުރެވިފައިވާ ތަހުލީލުތަކުގެ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ލެބޯޓަރީ އެކްރެޑިޓް ކޮށްފައިވާ ތައިލެންޑުގެ ލެބޯޓަރީ އެކްރެޑިޓޭޝަން ބޯޑު "ބިއުރޯ އޮފް ލެބޯޓަރީ ކޮލިޓީ ސްޓެންޑަޑްސް"، ބީއެލްކިޔުއެސްގެ ފަރާތުން ލެބޯޓަރީ އެސެސްމަންޓެއް ކުރިއަށް ގެންގޮސްފައިވާކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއެވެ. މި އެސެސްމަންޓް ކުރިއަށްގެން ގޮސްފައިވަނީ މިމަހުގެ 10 އިން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ދާއިރާ ފުޅާކުރުމަށް ތައިލެންޑުގެ ލެބޯޓަރީ އެކްރެޑިޓޭޝަން ބޯޑު އެސެސްމަންޓެއް ކުރިއަށް ގެންގޮސްފައިވާއިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އެންމެ މަތީ ފެންވަރުގެ ހެލްތު ލެބޯޓަރީއެއް ޤާއިމްކުރުމަށްވެސް ނިންމާފައިވެއެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، ޤާއިމުކުރުމަށް ލާޒިމްކުރާ ލެބޯޓަރީން ރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެއްޗާއި ރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓު ކުރެވޭނެ އިންތިޒާމު ޤާއިމުކުރަންޖެހެއެވެ. ހަމައެއާއެކު ކާބޯތަކެތި އުފައްދާ އަދި ބަންދުކުރާ ތަންތަނާއި ގުދަންކުރާ ތަންތަނާއި ރައްކާކުރާ ތަންތަނުގެ އިތުރުން ކާބޯތަކެތި ވިއްކާ ތަންތަނުގެ ސިއްޙީ ރައްކާތެރިކަން ބެލުމަށް ކުރަންޖެހޭ ތަޙުލީލުތައް ކުރެވޭނެ އިންތިޒާމުވެސް މިލެބޯޓަރީގައި ހުންނަންޖެހޭނެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބެލުމުގެ ދަށުން ހިނގަންޖެހޭ މި ލެބޯޓަރީން ކުރާ ތަހުލީލުތަކާއި ހިފަހައްޓަންޖެހޭ ފެންވަރާއި މިންގަނޑު ޤަވާއިދަކުން އެނގެން އޮންނަންޖެހޭނެކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ރާއްޖޭގައި ޤާއިމުކުރާ ލެބޯޓަރީގައި ހެދެން ނުހުންނަ ޓެސްޓުތައް ހެދުމުގެ އިންތިޒާމު ރާއްޖޭގެ އެހެން ލެބޯޓަރީއަކުން ނުވަތަ ރާއްޖެއިން ބޭރުގެ ރިފަރަލް ލެބޯޓަރީތަކުން ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބޭނުންވާނެ އުސޫލުތަކާއި ގަވާއިދުތައް ހެދުމަށް ޤާނޫނުން ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް މަތިކޮށްފައެވެ.