އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އޮތް ފުރުސަތު ޗެލްސީއަށް ހަނިވެއްޖެއެވެ.
މި މެޗު އެއްވަރުވުމާއިއެކު ޗެލްސީއަށް ލީގުގައި މިހާތަނަށް ކުޅެފައިވާ 32 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ތިންވަނައިގައި އޮތް ނޮޓިންހަމް އަށް 57 ޕޮއިންޓް ލިބިފައިވާއިރު ނިއުކާސަލް ޔުނައިޓެޑަށް ވަނީ އެއް މެޗު މަދުން ކުޅެގެން 56 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް 55 ވަނީ ލިބިފަ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި އިޕްސްވިޗްގެ ބެން ޖޯންސަން ނަގައިދިން ހުރަހަކުން ޖޫލިއޯ އެންކީސޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޗެލްސީން މެޗުގެ ކުރީކޮޅު ރަގަޅަށް ކުޅުނު ނަމަވެސް އިޕްސްވިޗް އިން ލަނޑު ޖެހުމާއިއެކު އެ ޓީމުގެ ކުޅުމަށް ބަދަލުތަކެއް އައިތަންވަނީ ފެނިގެންގޮސްފަ އެވެ.
އަދި ފުރަތަމަ ލަނޑު ޖެހިތާ 22 މިނިޓު ފަހުން ބެން ޖޯންސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ފަހަތަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އަޑަރަބިއޯޔޯގެ ބަދަލުގައި މާލޯ ގަސްޓޯ ވަނީ ކުޅެން އަރުވާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއްވެސް ނުވަނީސް އިޕްސްވިޗްގެ އެކްސެލް ޓުއަންޒޭބޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ ކުޑަވެފަ އެވެ.
މި މެޗުގެ ނަތީޖާ ޗެލްސީއަށް އެއްވަރުކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭޑަން ސަންޗޯ މެޗުގެ 79 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.