ޚަބަރު

ވަޤުފް ބިންތަކުގެ މައްސަލާގައި އިންޑިޔާގައި މުސްލިމުން ކުރާ މުޒާހަރާތައް ހޫނުވެ، ތިން މީހުން މަރުވެއްޖެ


އިންޑިޔާގެ މުސްލިމުންގެ ވަޤްފު ބިންތަކުގެ މައްޗަށް ސަރުކާރަށް ފޯރުވޭ ބާރު ފުޅާކުރަން ފާސްކޮށްފައިވާ ބިލާ ދެކޮޅަށް، ގިނަ އަދަދެއްގެ މުސްލިމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ވަޤުފް ބިންތައް ބެލެހެއްޓުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

ވަޤުފް ބިންތަކާގުޅޭ ގޮތުން 1995 ވަނަ އަހަރު ވުޖޫދުކޮށްފައިވާ ޤާނޫނު އިސްލާޙުކުރީ މުސްލިމުންގެ ވަޤުފް މުދާތައް ބަލަހައްޓައި ބާރުގަދަ ވަޤުފް ބޯޑުތައް ޖަވާބުދާރީ ކުރުވައި، އެ ކަންކަން ހާމަކަން ބޮޑުގޮތެއްގައި ބެލެހެއްޓުމަށްކަމަށް އިންޑިޔާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް، މި އިސްލާޙާ އެކު ވަޤުފް ބިންތަކުގައި ހުރި މިސްކިތްތަކާއި ގަބުރުސްތާނު ފަދަ ތަންތަން އަތުލައި، ތަޅައިލުމުގެ ބާރު ސަރުކާރަށް މިހާރު ލިބޭކަމަށް ބުނެ، މުސްލިމުންގެ ތެރޭގައި އޮތް ކަންބޮޑުވުންވަނީ އިތުރުވެފައެވެ.

އެކަމާ ގުޅިގެން މުސްލިމުންގެ އާބާދީ ބޮޑު ބައެއް ހިސާބުތަކުގައި މުޒާހަރާ ކުރަމުންދާއިރު، މުރުޝިދުބާދު ސަރަޙައްދުގައި މި މަހުގެ 8ވަނަ ދުވަހު ފެށި މުޒާހަރާތައް ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ވަނީ ބަދަލުވެފައެވެ.

ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިނގި ކުރިމަތިލުންތަކުގައި، މިހާތަނަށް ތިން މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އެ ކުރިމަތިލުންތަކުގައި ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް، އާންމު ތަންތަނަށް ބޮޑެތި ގެއްލުންތައް ދީފައިވާކަމަށް އިންޑިޔާގެ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް، ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް، އެ ސްޓޭޓުގެ ސަރުކާރުން ވަނީ ބުނެފައެވެ.