ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ދަނޑުވެރިކަމާބެހޭ ވުޒާރާ ތަމްސީލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި


  • މަޢުރަޒު އޮންނާނީ މެއި މަހުގެ 23-31 އަށް

  • ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނއ

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާއިބެހޭ ވުޒާރާ ތަމްސީލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަޢުރަޒު އޮޮންނާނީ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމަވާފައެވެ.

މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް ބީސީސީން މިހާރުވަނީ ހަމަޖައްސަވާފައެވެ. ކުރިން އޮންނަގޮތުން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ބައިވެރިކުރެވޭނީ 15 ބާވަތެއްގެ އުފެއްދުމެވެ. ނަމަވެސް މިއުސޫލު ބަދަލުކޮށް މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.

ދަނޑުވެރިކަމުގެ ވުޒާރާ ތަމްސީލުކުރުމުގެ ފުރުޞަތަށް އެދެވޭނީ:

• ގަސްގަހާގެހި / ދަނޑުވެރިކަމުގެ ވިޔަފާރިވެރިން
• ޕެޓް ޝޮޕެއް ނުވަތަ ޖަނަވާރު ބެލެހެއްޓުމުގެ ޚިދުމަތްދޭ ތަންތަން
• ދަނޑުވެރިކަމަށް ޚާއްސަ އެންޖީއޯއެއް ނުވަތަ ޕްރޮޖެކްޓެއް
• އެހެނިހެން ގުޅުންހުރި ވިޔަފާރިތައް

މި މައުރަޒުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ތަމްސީލުކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ ނަމާއި، ކުރު ތަޢާރަފެއް އަދި ފޯނު ނަންބަރު އެވުޒާރާގެ އީމެއިލްއަށް ފޮނުވުމަށް ކުރުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބީސީސީންނެވެ.