ޚަބަރު

ޑޯޓްމުންޑުން ބަޔާން މިއުނިކް ހިފަހައްޓައިފި


ޖަރުމަން ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމުންޑާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މި މެޗު އެއްވަރުވުމާއިއެކު ތާވަލުގެ ކުރީގައި އަށް ޕޮއިންޓުގެ ލީޑެއް ނެގުމަށް ބަޔާން މިއުނިކަށް ލިބުނު ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ. ލީގުގައި މިހާތަނަށް ބަޔާން މިއުނިކް ކުޅުނު 29 މެޗުން އެ ޓީމަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި ބޮރޫޝިޔާ ޑޯޓްމަންޑަށް ލިބިފައިވާ 42 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޑޯޓްމަންޑްގެ މެކްސިމިލިއަން ބެއިއަރ ވަނީ ލަނޑެއް ޖަހާ ޑޯޓްމަންޑަށް ކުރި ހޯދަދީފަ އެވެ.

ޑޯޓްމަންޑް އިން ލީޑު ނެގުމާއިއެކު ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކިމް މިންޖައިގެ ބަދަލުގައި ރަފައެލް ގެރޭރޯ ކުޅެން އެރުވިތާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ ލެރޮއި ސާނޭގެ ބަދަލުގައި ސާރޖް ނަބްރީވެސް ކުޅެން އަރުވާފަ އެވެ.

ބަޔާން މިއުނިކް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ރަފައެލް ގެރޭރީ އޭނާގެ ކުރީގެ ކްލަބް ކޮޅަށް ޖެހި ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ނަބްރީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ބަޔާން މިއުނިކަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 75 ވަނަ މިނިޓުގައި ޑޯޓްމަންޑްގެ ޑިފެންޑަރ ވޮލްޑްމަރ އެންޓަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗު އެއްވަރުވެފައިވާއިރު މި ދެ ޓީމަށް މި ހަފްތާގައި ވަރުގަދަ އިތުރު ދެ މެޗު ކުރިއަށް އެބައޮތެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކް އިން އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށް ނިކުންނައިރު ބޮރޫޝިޔާ ޑޯޓްމަންޑް ނިކުންނާނީ ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށެވެ.