ޚަބަރު

އައިޔޫއެމް ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން އެއިމާރާތް ތަރައްޤީކުރާ ސަރަހައްދުކަމުގައިވާ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައި އޮންނަ ލޮޓް ހިމެނޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަނާބިލް ޢިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނެއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ.

މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.

މުވައްސަސާތައް ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ބާރުވެރިކުރުވުމަށް ސަރުކާރުން ދަނީ އެމުވައްސަސާއަކަށް ބޭނުންވާ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވަމުންނެވެ.