ޚަބަރު

ވީއޭއެމް ކަޕް: ޕޮލިސް ކުލަބަށް ދެވަނަ މޮޅު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ޕޮލިސް ކުލަބުން މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ވޯލީބޯލް ޔޫތް ނިއު ޖެނެރޭޝަން އާއި ބައްދަލުކޮށް 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 15-25 އިންނެވެ. އެހެން ނަމަވެސް ޖެހިގެންއައި ސެޓް ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަންއިން ގެންދިޔައީ 25-22 އިންނެވެ. ތިންވަނަ ސެޓް 12-25 އިން ޕޮލިސް ކުލަބު ކާމިޔާބު ކުރި އިރު އަނެއް ސެޓް 28-26 ން ގެންދިޔައީ ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަން އިންނެވެ. ފަހު ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 12-15 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކުލަބުގެ ގުރެޒިލް ރިބެއިރޯ ޑި ސޫޒާއެވެ.

މުބާރާތުގައި ޕޮލިހުން ކުޅުނު ފުރަތަމަ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިމަހުގެ 9 ވަނަ ދުވަހު ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ސީދާ 3 ސެޓުން ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ ބަލިކޮށްގެންނެވެ.

ވީއޭއެމްކަޕް 2025 ގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށްބަލާއިރު ހަވީރު 16:30 ގައި ބައްދަލުކުރާނީ ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ އާއި ހުރާ ކޮމިއުނިޓީ ސްޕޯޓްސް ކުލަބެވެ. މިރޭ 20:30 ގައި ބައްދަލުކުރާނީ އަސްދިގަ ސްޕޯޓްސް ކުލަބާއި ސިޓީ ފުރެންޑްސް ކުލަބެވެ.