"ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތް" ބޭއްވުމުގެ އެއް މަގުސަދަކީ އެ ރަށަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފުކުރުން ކަމަށް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވެއްޖެއެވެ.
ކަރަމް މިހެން ވިދާޅުވެފަވަނީ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. މި މުބާރާތަކީ ބައިނަލް އަޤްވާމީ ގޮތުން ރާއްޖޭގައި މިހާތަނަށް ބޭއްވޭ ޓީޓީގެ އެންމެ ބޮޑު އިވެންޓެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކަރަމް ވިދާޅުވީ މިފަދަ މުބާރާތެއް ތޮއްޑޫގައި ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ސްޕޯރޓްސް ޓޫރިޒަމް ރަށަށް ތައާރަފްކުރުންކަމަށެވެ.
ލޯކަލް ޓޫރިޒަމްގެ ސިނާޢަތަކީ ތޮއްޑޫގައި ކުރިއަރަމުން އަންނަ ސިނާޢަތަކަށްވުމުން އޭގެ ތެރެއަށް ސްޕޯރޓްސް ޓޫރިޒަމްގެ ދޮރު ހުޅުވާލެވުމަކީ މިދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ފަހިވެގެންދާނެ އިތުރު ފުރުސަތަކަށްވާނެކަމަށް ގަބޫލުކުރައްވާކަމަށް ކަރަމް ވިދާޅުވިއެވެ.
'ތޮއްޑޫގެ ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހަމައެކަނި ބީޗުގެ އިތުރަށް ބައެއްކަހަލަ ކުޅިވަރުތައް ހިމެނޭގޮތަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފްކޮށް ލޯ ސީޒަންގައިވެސް ބެޑް އޮކިއުޕެންސީ ރަނގަޅަށް މެއިންޓެއިންކުރުމަށް މަގުފަހިކުރުމަށް ކުރެވޭކަމެއް" ކަރަމް ވިދާޅުވިއެވެ.
މީގެ އިތުރުން ޓޭބަލް ޓެނިސް ތޮއްޑޫއަށް ތަޢާފަރުކޮށް ރަށުގެ ކުދިންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ހެދުމަކީވެސް މި މުބާރާތް ރަށުގައި ބޭއްވުމުގެ މަގްސަދުތަކުގެ ތެރެއިން މަގްސަދެއްކަމަށް ކަރަމް ފާހަގަކުރެއްވިއެވެ. މި މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ އެއް ފަރާތްކަމަށްވާ "އިހާ ޓީޓީ ފައުންޑޭޝަނުގެ" ފަރާތުން ތޮއްޑޫ ސްކޫލުގެ ދަރިވަރުން މި ކުޅިވަރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމެއްވެސް ވަރަށް އަވަހަށް ފެށުމަށް ރާވާފައިވާކަމަށްވެސް ކަރަމް ވިދާޅުވިއެވެ.
ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް ޓޯރނަމެންޓަކީ 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ ތޮއްޑޫ ކައުންސިލާއި، ތޮއްޑޫ ލޯކަލް އޮތޯރިޓީގެ އިތުރުން އިހާ ޓީޓީ އެކަޑަމީއިން އިންތިޒާމުކުރާ މުބާރާތެކެވެ. މުބާރާތުގައި މިހާތަނަށް އަށާރަ ގައުމަކުން ސަތޭކައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާކަމަށް އިހާ ޓީޓީ އެކަޑަމީގެ އެމްޑީ އަފްނާން އިބްރާހިމްވަނީ ވިދާޅުވެފައެވެ.
މި މުބާރާތް ކުރިއަށްދާނީ މިއަހަރުގެ އޮގަސްޓުމަހުގެ 19 އިން 25 އަށް ތޮއްޑޫ ސްކޫލުގައެވެ.