ކުލަބު ވޯލްޑް ކަޕުްބާއްވާ ބައެއް ސިޓީތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ.، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޒިޔާރަތްކުރައްވައިފިއެވެ.
މުބާރާތްފެށުމުގެ ކުރިން ކުލަބު ވޯލްޑްކަޕު ބާއްވުމަށް ހަމަޖެހިފައިވާ 11 ސިޓީ ބައްލަވާލެއްވުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވާފައިވާއިރު، މިދަތުރުފުޅުގެ ތެރެއިން ހުކުރުދުވަހު އިންފަންޓީނޯ ޒިޔާރަތްކުރައްވާފައިވަނީ އެމެރިކާގެ ސިންސިނާޓީއަށެވެ.
މިޒިޔާރަތުގެ ތެރެއިން އިންފަންޓީނޯވަނީ އެމްއެސްއެލްގެ ކުލަބެއްކަމަށްވާ އެފްސީ ސިންސިނާޓީއާ ބައްދަލުކުރައްވާ، އެކުލަބުގެ ޓީކިއުއެލް ސްޓޭޑިއަމް ބައްލަވާލައްވާފައެވެ. މި ސްޓޭޑިއަމުގައި ކުލަބު ވޯލްޑުކަޕުގެ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ޖޫންމަހުގެ 15ވަނަ ދުވަހު ބަޔާން މިއުނިކާއި އޯކްލޭންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެމެޗުވެސް ފެނިގެންދާނީ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމުންނެވެ. މިއީ 2021 ވަނަ އަހަރު ހުޅުވުނު ސްޓޭޑިމަކެވެ. ޕޮޕިއުލަސް ހޯލްޑިންގއިން ފަރުމާކޮށްފައިވާ މި ދަނޑަކީ 26،000 (ސައްބީސް ހާސް) މީހުންގެ ޖާގައިގެ ދަނޑެކެވެ.
އިންފަންޓީނޯގެ މިދަތުރުފުޅުގެ ތެރެއިން އޯހައިއޯއަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެސިޓީން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ސިޓީގެ މޭޔަރު އާފްތާބު ޕުރަވޭލްއާއި އެފްސީސީގެ ވެރިޔާ ކާރލް ލިންޑްނާރގެ އިތުރުން އެފްސީސީގެ ރައީސް ޖެފް ބާރޑިންގއެވެ.
ފީފާ ކުލަބު ވޯލްޑްކަޕު ބާއްވާ ސިޓީތަކުގެ ތެރެއިން އެޓްލާންޓާ، ޕެސެޑީނާ، ޝާރލޮޓް، ނޭޝްވިލް، އޯލަންޑޯ، ފިލަޑެލްފިއާގެ އިތުރުން ސިއޭޓްލް، މަޔާމީ އަދި ވޮޝިންޓަން ޑީސީއަށްވެސް އިންފަންޓީނޯވަނީ މީގެ ކުރިން ޒިޔާރަތްކުރައްވާ އެސިޓީތަކުން މުބާރާތައްވަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައެވެ.
"މިއުޒިކް ސިޓީ"ގެ ނަމުން މަޝްހޫރުވެފައިވާ ނޭޝްވިލުގައިވެސް މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު، އެސިޓީގެ ޖިއޯޑިސް ޕާރކަކީ އެމެރިކާގެ އެންމެ ބޮޑެތި ދަނޑުތަކުގެ ތެރެއިން އެއް ދަނޑެވެ. މި ދަނޑަކީ އެއްފަހަރާ 30،000 (ތިރީސް ހާސް) މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ ދަނޑެކެވެ. މި ދަނޑުގައި ކުލަބު ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުކުޅުމަށްވަނީ ތާވަލުކޮށްފައެވެ.
32 ޓީމަށް ފުރުސަތު ހުޅުވާލައިގެން ކުލަބު ވޯލްޑްކަޕު ބޭއްވޭ މިއީ ފުރަތަމަ އަހަރެވެ. މި މުބާރާތުގެ ކުޅުން ޖޫން މަހުގެ 14 ވަނަ ދުވަހު މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމުން ފެށިގެންދާއިރު، ކުލަބު ވޯލްޑްކަޕު ނިމިގެންދާނީ ޖުލައި މަހުގެ13 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމުންނެވެ. 65،326 (ފަސްދޮޅަސް ފަސްހާސް، ތިންސަތޭކަ ސައްބީސް) މީހުންގެ ޖާގައިގެ މި ދަނޑަކީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލް މެޗުވެސް ކުޅުމަށް ހަމަޖައްސާފައިވާ ތަނެވެ.