ޓޮޓްނަމް ހޮޓްސްޕަރގެ އެތެރޭގެ މައުލޫމާތު އެހެން ފަރާތްތަކަށް ލީކުކުރާ މީހަކު ކްލަބުގެ އެތެރޭގައި އެބަހުރިކަމަށް އެ ޓީމުގެ ކޯޗު އާންޖް ޕޮސްޓެކޮގްލޫ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު ވޮލްވްސް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ބުނެފައިވަނީ ކްލަބުގެ އެތެރޭގެ މައުލޫމާތުތައް ލީކު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިދިޔަ އަހަރު ވެސް މިކަން ހިނގަމުންދިޔައީ ނަމަވެސް އެކަމަށް އޭރު ގަބޫލުކުރެވުނު ހައްލު ހޯދުމުން އެކަމަށް ހުއްޓުމެއް އައި ކަމަށް ގަބޫލުކުރިން. ނަމަވެސް އެހެނެއްނޫން އެކަން ވަނީ. ކްލަބުގެ މައުލޫމާތުތައް އަދިވެސް ލީކު ކުރާ ބަޔަކު އެބަތިބި." ހިތްހަމަނުޖެހިފައިހުރެ ޕޮސްޓެކޮގްލޫ ބުންޏެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ކުޅުންތެރިންގެ ޒާތީ ބައެއް މައުލޫމާތުތަކަކީ އެންމެނަށް އެނގެން ޖެހޭ މައުލޫމާތެއް ނޫން ކަމަށާއި އެއީ ކުޅުންތެރިންވެސް ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
"މިއީ ކުޅުންތެރިއަކު ނުވަތަ އެޖެންޓެއް ކުރާ ކަމެއް ނޫން. ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލީ މައުލޫމާތުތަކަކީ އެހެން ދިމާލަކުން ބޭރުވާ މައުލޫމާތުތަކެއް. އަހަރެންނަށް އެއީ ކޮން ފަރާތަކުން ކުރާ ކަމެއްކަން އެބަ އެނގޭ އަދި އެކަމަށް ހައްލު ހޯދާނަން." ޕޮސްޓެކޮގްލޫ ބުންޏެވެ.
ޕޮސްޓެކޮގްލޫ ބުނެފައިވަނި ކުޅުންތެރިންގެ އަނިޔާގެ މައުލޫމާތުތަކަކީ ވަކި ބަޔަކަށް އެނގެން ޖެހޭނެ މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތުތައް ބޭރުވުމަކީ މައްސަލައެއް ކަމަށެވެ.
ފުޓްބޯޅަ ކްލަބެއްގައި ކުރިމަތިވާނެ ހުރިހާ ކަމަކާއި ކުރިމަތިލަމުންދާ ކަމަށާއި އަދި މި މައްސަލަ އާއިވެސް ކުރިމަތިލުމަށްފަހު އެކަމަށް ހައްލު ހޯދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިއީ އެ ކްލަބަށް އޭނާ ގެންނަން ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަން ހައްލުކުރާނެ ކަމަށްވެސް ކޯޗު ވަނީ ބުނެފަ އެވެ.
އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ވޮލްވްސް އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމު ވަނީ މިދިޔަ ހަފްތާގައި ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
ޕްރިމިއާ ލީގުގެ 14 ވަނައިގައި 37 ޕޮއިންޓާއެކު މިވަގުތު އޮތް ޓޮޓްނަމް ހޮޓްސްޕަރ އަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އަދި ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުން ފުރުސަތު ނުލިބޭނެތީ އެ ކްލަބުގެ ސަޕޯޓަރުން ވަނީ ކޯޗުގެ އިތުރުން ޗެއަރމަން އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
އަދި ކޮންމެ މެޗެއް ފެށުމުގެ ކުރިން ކަހަލަ ގޮތަކަށް އެ ކްލަބުގެ ސަޕޯޓަރުން ވަނީ ޗެއަރމަން ލެވީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.