ޚަބަރު

މުލިއާގޭގެ ޚަރަދުތައް ބޮޑުކަމަށް ބުނެ ފަތުރަނީ ދޮގެއް، ޚަރަދުތައް ކުޑަވާނެ


  • ރައީސްގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާ ޚަބަރުތައް ސަރުކާރުން ދޮގުކުރޭ

  • އަބަދުވެސް އިރުޝާދު ދެއްވަނީ ޚަރަދުކުޑަ ކުރެއްވުމަށްކަމަށް ވަޒީރު އިޤްބާލް ވިދާޅުވި

މުލީއާގޭގެ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ގަނޑުވަރުގެ އެންމެހާ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި ވަޒީރު އިޤްބާލް އާދަމް މިފަދައިން ވިދާޅުވެފައި މިވަނީ ޗެނަލް-13 ފަރާތުން މިމަހުގެ 11 ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށްބުނެ ފަތުރާފައިވާ ޚަބަރަކާ ގުޅިގެންނެވެ.

ޗެނަލް-13ގެ ފަރާތުން ވަނީ ރައީސް ކޭން ބެއްލެވުމަށް މި ހަފްތާ ބަންދުގައި އާރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށްބުނެ ރައީސްގެ ކަންކަމަށް މުލިއާގޭގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރާކަމަށް ރިޕޯޓުކޮށްފައެވެ.

މިކަމާގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރިޔާސީ ގަނޑުވަރުގެ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި ވަޒީރު އިޤްބާލް އާދަމް ވަނީ ޗެނަލް-13 އިން ފަތުރާފައިވާ ޚަބަރު ދޮގުކުރައްވާފައެވެ.

ވަޒީރު އިޤްބާލު ވިދާޅުވީ، މުލިއާގޭގެ ބަޖެޓުން ހޭދަކުރެއްވުމުގައި ފާއިތުވި މާޒީގައި ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާ ޚަރަދުތަކާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަވާނެކަމަށެވެ. އަދި އެފަދަ ހުރިހާ ޚަރަދެއްވެސް ކުޑަވާނެގޮތަށް ބައްލަވައިގެން ކަންކަން ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު އަބަދުވެސް ލަފާފުޅުދެއްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުލިއާގޭގެ ޚަރަދުތައް ބަލަހައްޓަމުންދަނީވެސް އެ އުޞޫލުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ކަންކަން ކުރަނީވެސް އެމަނިކުފާނު ދެއްވި ލަފާފުޅާ އެއްގޮތްވާގޮތުގެ މަތިން. އެހެންވީމަ ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ. އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން." މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވިއެވެ.

ވަޒީރު އިޤްބާލް އާދަމް ވިދާޅުވީ، މިފަދަ ހަޤީޤަތެއް ނެތް ޚަބަރުތައް ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.