ނ. ފޮއްދޫގައި 6 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
ފޮއްދޫގައި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 6 މަޝްރޫޢުގެ ތެރޭގައި އެރަށުގެ ބަނދަރުގެ ތަރައްޤީކުރުމާއި، ޕޮލިސް ޕޯސްޓެއް ބިނާކުރުމާއި، ފޮއްދޫ ހެލްތް ސެންޓަރަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުން ހިމެނެއެވެ. އަދި އެރަށުގައި އައުޓްޑޯ ޖިމެއް ތަރައްޤީކުރުމާއި، އެއް ބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުންވެސް ހިމެނެއެވެ.
މި 6 މަޝްރޫޢަކީވެސް އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢުތަކެކެވެ. އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ފޮއްދޫއަށް ގެންގޮސް، މިހާރު ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.
ގާތްގަނޑަކަށް 344 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮއްދޫގެ ރައްޔިތުންނަށް މި މަޝްރޫޢުތަކުގެ މަސައްކަަތް ފުރިހަމަކުރެވުމާއެކު، ޢުމްރާނީގޮތުންނާއި އިޖްތިމާޢީގޮތުން ގިނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ސަރުކާރުން އަލަށް ފަށާ މަޝްރޫޢުތަކާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ހުއްޓިފައިވާ މަޝްރޫޢުތައްވެސް ފުރިހަމަކުރުން ހިމެނޭހެން ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.