ޚަބަރު

ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް ބޮޑު ހަރަކާތެއް!


  • މިއީ ދިވެހި ޢިލްމުވެރިންނާއި ޖަމްޢިއްޔާތަކުން އިސްނަގައިގެން ބޭއްވި ހަރަކާތެއް

  • ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެ، ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލުމަށް

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކުވައިދީ، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް ބޮޑު ހަރާކަތެއް މާލޭގައި ބާއްވައިފިއެވެ.

"ޣައްޒާއާ އެކުގައި" މި ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނާއި، ދީނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން މިއަދު ހަވީރު 16:15 ގައި ރަސްފަންނު ސަރަޙައްދުން ފެށިގެން އަމީނީ މަގާއި މަޖީދީމަގުގައި ޚާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައެވެ.

މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެގޮތުން ފަލަސްޠީނުގެ ދިދަޔާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ތިބިކަން ދައްކުވައިދޭ އެކި ޝިޢާރުތައް ރަމްޒުކޮށްދޭ ބޯޑުތަކާއި ބެނާތައް ބޭނުންކޮށްފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން ވަނީ ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމް އަޚުންނާއި އުޚުތުންގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅާއެޅުންވެސް ކުށްވެރިކޮށްފައެވެ. ހަމައެހެންމެ ފަލަސްޠީނު ރައްޔިތުންގެ މިނިވަންކަމަށްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ގޮވާލާފައެވެ.

މާލޭގެ ބައެއް ބޮޑެތި މަގުގައިތަކުގައި ކުރިއަށްގެންދިޔަ މި ސައިކަލު ބުރު ނިންމާލާފައިވަނީވެސް ރަސްފަންނު ސަރަޙައްދަށެވެ. މި ހަރަކާތް ނިންމާލުމުގެގޮތުން ފަލަސްޠީނު ރައްޔިތުންނަށް ނަޞްރުދެއްވާތޯ ޚާއްސަ ދުޢާއެއްވަނީ ކޮށްފައެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު އަލުން ފަށައި، އެ ސަހަރުގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް ދަނީ ދެމުންނެވެ.

ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 62،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނަތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވާ އިމާރާތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްފައިވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.