ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން ސައިކްލިން ޗެލެންޖް 2025 ގެ ނިމުން ފާހަގަކޮށް، ކާމިޔާބީ ހޯދި ފަރާތްތަކަށް ފައިސާގެ އިނާމާއި މެޑއލް ހަވާލުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާރކުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާ މެޑަލް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތު ޝަރަފުވެރި މެހެމާނު، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ޖީ ބާލަސުބްރަމާނިއަމްވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވަޑައިގެން، މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމާ މެޑަލް ހަވާލުކޮށްދެއްވާފައެވެ.
ރަމަޟާން ސައިކްލިންގ ޗެލެންޖާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބައިސިކްލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓެރީ އަސްމާ ހަސަން ބުނީ މި ޗެލެންޖަކީ ރަމަޟާންމަހާ ގުޅިގެން އެ އެސޯސިއޭޝަނުން ކުރިއަށްގެންދާ ޗެލެންޖެއްކަމަށާ، މިއީ މިގޮތަށް ބޭއްވި 10 ވަނަ މުބާރާތްކަމަށެވެ. މިއަހަރުގެ ރޭހުގައި މާލޭގެ އިތުރުން އަތޮޅުތެރޭންވެސް ބައިވެރިން ވާދަކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.
"މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ނިމިގެން މިދިޔައީ. މުބާރާތުގައި އަތޮޅުތެރޭގެ ރަށްރަށުން ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް" އަސްމާ ބުންޏެވެ.
މި މުބާރާތަކީ ދެ އުމުރުފުރާއަކަށް ވާދަކުރެވޭގޮތަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ. އެގޮތުން މިރޭހުގައި ވާދަކޮށްފަވަނީ 11-20 އަހަރާ ދެމެދުގެ އުމުރުފުރާގެ ބައިވެރިންގެ އިތުރުން 36 އަހަރުންމަތީގެ ފަރާތްތަކެވެ. ރަމަޟާން ސައިކްލިންގ ޗެލެންޖުގެ ވަނަތަކަށް ބަލާއިރު 11-20 އަހަރާ ދެމެދުގެ ބައިގެ 100 ކިލޯމީޓަރު ރޭހުން އެއްވަނަ ހޯދާފަވަނީ މުހަންމަދު މުހައިސިންއެވެ. އަދި މި އުމުރުފުރާގެ 200 ކިލޯމީޓަރު ރޭހުން އެއްވަނަ ހާސިލުކޮށްފަވަނީ އަލީ ރަޔާން އިސްމާއިލްއެވެ.
ސީނިއާ ކެޓެގަރީގައި ހަތަރު ރޭހެއްކުރިއަށް ގޮސްފައިވާއިރު، 200 ކިލޯ މީޓަރު ރޭހުން އެއްވަނަ ހޯދާފަވަނީ ސޮލާހް ހަސަންއެވެ. އަދި 300 ކިލޯ މީޓަރު ރޭހުން އާމިނަތު އާދަމް އެއްވަނަ ހޯދާފަވާއިރު، 400 ކިލޯމީޓަރުގެ ރޭހުގެ އެއްވަނަ ހާސިލުކުރީ މުހައްމަދު ޝާކިރުއެވެ. އަދި މި އުމުރުފުރާގެ 600 ކިލޯމީޓަރު ރޭހުގެ އެއްވަނަ ގެންގޮސްފަވަނީ ދާނިޔަލް އަބްދުﷲ ޚަލީލެވެ.
މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަސްމާ ބުނީ މިމުބާރާތަކީ ސްކޫލުކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެއްކަމަށެވެ. މީގެއިތުރުން ބައިކް މޯލްޑިވްސްގެ ސީނިއާ މެމްބަރުންނާ އާންމުންވެސް މި ރޭހުގެ ސީނިއާ ކެޓެގަރީގައި ވާދަކޮށްފައިވާކަންވެސް އަސްމާ ފާހަގަކުރިއެވެ.
"މުބާރާތް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް. މިއަހަރުގެ މުބާރާތުގަ މެޑަލްގެ އިތުރުން ފައިސާގެ އިނާމުވެސްވަނީ ދީފަ. އަދި ރޭސް ފުރިހަމަކުރި ކޮންމެ ފަރާތަކަށް މެޑަލާއި ހަނދާނީ ލިއުމެއްވެސް ވާނީ ދީފަ. މުބާރާތް ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު. އެހެންކަމުން މުބާރާތުގެ ސްޕޮންސަރުންވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްލަން ބޭނުން" މުބާރާތުގެ އިނާމާ ގުޅޭގޮތުން މައުލޫމާތުދެމުން އަސްމާ ބުންޏެވެ.
މުބާރާތް ކުރިއަށް ގެންދިޔައީ ރަމަޟާން މަހުގައި ކަމަށްވުމުން ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލަ ދިމާވިކަމަށް އަސްމާ ފާހަގަކުރިއެވެ. މިކަހަލަ ގޮންޖެހުންތަކާއެކުވެސް މިރޭސް 22 ފަރާތަކުން ފުރިހަމަކޮށްފައިވުމަކީ މި މުބާރާތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ބައިސިކްލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ދިހަވަނަ އަހަރީދުވަސް މިއަހަރުގެ ޖެނުއަރީ 9-10 އަށް ކުލަގަދަކޮށް ފާހަގަކޮށްފަވާއިރު، 2025 ވަނަ އަހަރާއެކު އެ އެސޯސިއޭޝަނުގެ އަހަރީ ކަލަންޑަރުވެސް ވަނީ އެކުލަވާލާފައެވެ. އެގޮތުން އެ އެސޯސިއޭޝަނުން ދެން އެންމެ އަވަހަށް ކުރިއަށްގެންދާނީ "ތްރީ އައިލެންޑް ޓުއަރ"ގެ ނަމުގައި ކުރިއަށްގެންދާ އިވެންޓެކެވެ.