ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
ޚާރިޖީ ވަޒީރު ތުރުކީއަށް ކުރައްވާ މި ދަތުރުފުޅަކީ ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ވަޒީރު ޑރ. އަބްދުالله ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ.އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރ ޖަގަނަތު ޕަންޑާވެސް ބައިވެރިވެވަޑައިގަތެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ މި ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމެސީގެ އުޞޫލުތައް އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވައި، އަދި ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދާކުރައްވަމުންގެންދަވާ މުހިންމު ދައުރުވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޖިއޮގްރަފީގެ ގޮތުން ރާއްޖެ އޮތް ސަރަޙައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ، މި ސަރަޙައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަން ވަޒީރު. ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 11 އިން 13 އަށެވެ. މި ފޯރަމްގައި ކުރިއަށްދާ މުހިންމު ބައްދަލުވުންތަކުގެ އިތުރުން، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ޤައުމުތަކުގެ އިސް މަންދޫބުންނާވެސް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.