އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް އަރުވައިފިއެވެ. ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑަޅުއްވާފައިވަނީ އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.
ރާއްޖެއިން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފްރެންސެސްކޯ ލަ ކަމޭރާއަށް އަރުވާފައިވަނީ ޔޫއޭއީގެ އަބޫދާބީގައި ހުންނަ އެ ޖަމްޢިއްޔާގެ މައި މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މަޤާމުގެ ލިޔުން ޙަވާލުކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އިޔާދަކުރަނިވި ހަކަތައިގެ ސިނާޢަތް ކުރިއަރުވާ ތަރައްޤީކުރުމަށް އައިރީނާއިން އިސްނަގައިގެން ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި މި ދާއިރާ އިތުރަށް ކުރިއަރުވާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި އެ ޖަމްޢިއްޔާގެ ފަރާތުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއި އެއްބަރުލުން ފާހަގަކުރައްވާ ދިވެހި ސަރުކާރުގެ ފަރާތުން ޚާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.
ސަފީރު ދެއްކެވި ވާހަކަފުޅުގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވާ، މި ދާއިރާއިން ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑަދަނޑިތައް ޙާޞިލުކުރުމަށް އައިރީނާއާއެކު އޮތްގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން މަސައްކަތްކުރުމުގެ ޝަޢުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އައިރީނާގެ ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖެއިން އެ ޖަމްޢިއްޔާއަށް ކަނޑައެޅުއްވި އައު ދާއިމީ މަންދޫބަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައެވެ. އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެޖަމްޢިއްޔާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އެގޮތުގައި ފޯރުކޮށްދެމުންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިރީނާ އުފައްދާފައިވަނީ 2009 ވަނަ އަހަރުގައެވެ. އެޖަމްޢިއްޔާ އުފެދުނީންސުރެ ރާއްޖެއަކީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމެކެވެ. ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޢަދަދު 169 އަކަށް އަރައެވެ.