ޚަބަރު

އިތުރު 4 ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިމަހު ފަށަނީ


  • މިހާރު މި ޚިދުމަތް ދެމުން ދަނީ 15 ރަށެއްގައި

  • މިމަހު ޙިދުމަތް ފަށަނީ މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައި

އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މި މަހު ފައްޓަވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނީއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަން ނިންމާފައި ވަނީ މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައިކަމަށެވެ.
މިހާރު 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ދަނީ ދެމުންނެވެ.

އަސާސީ މިފަދަ މުހިއްމު ޚިދުމަތެއް ހޯދުމަށް މާލެއަށް ބަރޯސާވެފައި ތިބެން ޖެހުމަކީ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވަމުންދާކަމެކެވެ. އެހެންކަމުން މިކަން ބަދަލުކޮށް ރައްޔިތުންނަށް މިކަމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ރަސްމީކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމުގެ ކުރިން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން ދިޔައީ މާލެއިން ޕްރިންޓްކޮށް ރަށްރަށަށް ފޮނުވައިގެންނެވެ. އެހެންނަމަވެސް މިއީ ވަގުތު ނަގާ އަދި އެކަމުގެ ތަކުލީފު ބޮޑުކަމެކެވެ.

އެހެންކަމުން ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.