ޚަބަރު

ފްރެންކްފަޓް އާއި ޓޮޓްނަމް އެއްވަރުވެއްޖެ


ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެއިންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ޖަރުމަނުގެ ފްރެންކްފަޓް އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ.

މި މެޗުގެ ހަވަނަ މިނިޓުގައި ފްރެންކްފަޓްގެ ހޫގޯ އެޓިކީޓޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އެކިޓީކޭ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނަމަވެސް އޭގެ ވިހި މިނިޓު ފަހުން ޖޭމްސް މެޑިސަން ދިން ޕާހަކުން ޕެޑްރޯ ޕޮރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން ލޫކަސް ބަރޖްވޯލް އާއި ރޮޑްރިގޯ ބެންޓަންކޫރު ފޮނުވާލި ދެ ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވާއިރު ޖޭމްސް މެޑިސަން އާއި ސޮން ހިއުން-މިން ފޮނުވާލި ދެ ހަމަލާ ފްރެންކްފަޓްގެ ގޯލު ކީޕަރު ކައުއާ ސަންޓޯސް ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ސަންޓޯސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.

އަދި މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި މިކީ ވެންޑެވެން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ކީޕަރު ސަންޓޯސް ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

މި ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ އަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ ސަޕޯޓަރުންގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ކޯޗު ޕޮސްޓެކޮގްލޫ ވަނީ އެ މިދިޔަ ސިޒަނާއި އަޅާބަލާއިރު މި ސީޒަނުގައި އެ ޓީމުގެ ކުޅުން ރަގަޅުކަމަށް ބުނެފަ އެވެ. އަދި އަބަދުވެސް އޭނާ އަކީ ދެވަނަ ސީޒަނުގައި ތަށި ހޯދާ ކޯޗެއް ކަމަށާއި އެކަން ކުރެވޭނެކަމަށް މީގެ ކުރިން ބުނެފަ އެވެ.

މި ދެ ޓީމުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގައި ޖަރުމަނުގަ އެވެ.