ރ. ހުޅުދުއްފާރު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފަވަނީ ހުޅުދުއްފާރުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވާފައިވާ ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ އެތަކެތި ރަށަށް ބޭލުމުގެ މަސައްކަތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުޅިވަރުގެ 77 މަޝްރޫއެއް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފަވަނީ ހުސްވި މާޗު މަހުގެ ފަހުކޮޅެވެ. ޖުމްލަ 204.5 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން 77 މަޝްރޫއެއްގެ މަސައްކަތް ނިންމުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފަވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުޅިވަރު ދަނޑުތަކާއި، އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމާއި މަރާމާތުކުރުމުގެ މަސައްކަތެވެ.
މި 77 މަޝްރޫއުގެ ތެރެއިން އާރްޑީސީއާ ހަވާލުކޮށްފަވަނީ 23 މަޝްރޫއެއްގެ މަސައްކަތެވެ. ސަރުކާރާ އާރްޑީސީއާ ދެމެދު އެއްބަސްވެފަވާ ގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި މަސައްކަތްތައް ނިންމައި، ސަރުކާރާ ހަވާލުކުރަންޖެހެއެވެ. މި މަޝްރޫއުތައް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ސަރުކާރާ އާރްޑީސީއާ ދެމެދު ސޮއިކުރެވުނު މަޝްރޫއުތަކުގެ މަސައްކަތް ޓައިމްލައިނާ އެއްގޮތަށް ނިންމުމަށް ކުޅިވަރު ވުޒާރާއިން އެއްބާރުލުންދެއްވާނެ ކަމަށެވެ. އަދި މި މަޝްރޫއުތައް ނިންމުމަށް ސަރުކާރު ކުންފުނިތަކާއި މާލިއްޔަތު ވުޒާރާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް ފުރިހަމަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާއިރު، މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.
ކުޅިވަރާ ގުޅުންހުރި މިމަޝްރޫއުތަކުގެ މަގުސަދަކީ ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް އުފާވެރިކަން ލިއްބައިދިނުމާއި، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގައި އެއްބާރުލުންދީ، ރާއްޖެ ފަޚުރުވެރިވާފަދަ ހުނަރުވެރި ތަރިންތަކެއް ދިވެހިފަސްގަނޑުގައި އުފެދުމަށް މަގުފަހިކޮށްދިނުމެވެ.