ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތުގެ ނަމުގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިހާ ޓީޓީ އެކެޑެމީ އަދި ތޮއްޑޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތަކީ ވެޓެރަންސް މުބާރާތެކެވެ. މިމުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިހާ ޓީޓީ އެކަޑެމީގެ އެމްޑީ އަފްނާން އިބްރާހިމް ވިދާޅުވީ މިއީ 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެއްކަމަށެވެ. މިގޮތުން މި މުބާރާތުގައި ހަ އުމުރުފުރައަކުން ކުޅުންތެރިންވާދަކުރާނެކަމަށާ، އޭގެ ތެރޭގައި ސާޅީސް އަހަރުންމަތި، 40 އަހަރާ 49 އަހަރާ ދެމެދު، 50 އަހަރާ 59 އަހަރާ ދެމެދު، 60 އަހަރާ 64 އަހަރާ ދެމެދު، 65 އަހަރާ 69 އަހަރާ ދެމެދު އަދި އޭގެ އިތުރުން 70 އަހަރުންމަތީގެ އުމުރުފުރާގެ ކުޅުންތެރިންވެސް މުބާރާތުގައި ވާދަކުރާނެކަމަށް އަފްނާން ވިދާޅުވިއެވެ.
އޯގަސްޓުމަހުގެ ނަވާރައިން ފަންސަވީހަށް މި މުބާރާތް ތާވަލުކޮށްފަވާއިރު، މިހާތަނަށް މުބާރާތުގައި އަށާރަ ގައުމަކުން ސަތޭކައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާކަމަށް އަފްނާން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިންޑިއާ، ރަޝިޔާ އަދި ޗައިނާއަށް ނިސްބަތްވާ ކުޅުންތެރިންކަމަށް އަފްނާން ވިދާޅުވިއެވެ.
"އަށާރަ ގައުމަކުން އޭގެ ތެރޭގައި ޖާރމަނީ، ސްޕެއިން، ނިއުޒީލެންޑް، ޔޫއެސްއޭ. މިހުރިހާ ގައުމަކުންވެސް ޕާރޓިސިޕަންޓުން އެބައުޅޭ. އެންމެ ގިނައިން މިއުޅެނީ އިންޑިއަން، ރަޝިއަން، އަދި ޗައިނީސް ޕްލެޔާރޒް މިވަގުތު. ތިން ގައުމަކީވެސް ވަރަށް ވަރުގަދަ މޮޅެތި ކުޅުންތެރިން ތިބޭ ގައުމެއް" އަފްނާން ވިދާޅުވިއެވެ.
ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓަގަރީތައް މުބާރާތުގައި ހިމެނޭނެކަމަށް ވިދާޅުވަމުން އަފްނާން ވިދާޅުވީ މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތޮއްޑޫ ސްކޫލުގަކަމަށެވެ.
މިމުބާރާތާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިހާ ޓީޓީ އެކަޑެމީގެ އެޑްވައިޒަރ އަހްމަދު ލަތީފު ވިދާޅުވީ މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު މުބާރާތްކަމަށެވެ. އަދި މިއީ ރާއްޖޭގެ، ޓީޓީގެ ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ވަރުގަދަ މުބާރާތަކަށްވާނެކަމަށާ، މި މުބާރާތުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރައްވާކަމަށް ރާއްޖޭގެ ކުރީގެ ޓީޓީ ޗެމްޕިއަން ލަތީފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.