ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތައް ވަޑައިގެންފިއެވެ.
ޚާރިޖީ ވަޒީރު ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅަކީ އެޤައުމުގައި ބާއްވާ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 13 އަށެވެ. "ރީކްލެއިމިންގ ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް"ގެ ޝިއާރުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ.
މި ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ޑރ ޚަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަޒީރު ޑރ. ޚަލީލް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މި ފޯރަމްގެ ހަވާސާގައި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ވަޒީރު އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.