ސްކޫލްތަކުގެ ކްލާސްތައް އޭސީ ކުރުމުގެ އިތުރުން، ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި "ކޫލް ސްކޫލް" މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ސްކޫލްތަކުގެ ކްލާސްރޫމް ފިނިކުރުމުގެ މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މިމަޝްރޫޢުގެ ދަށުން 3704 ކްލާސްރޫމް އޭސީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެވެ. މިމަޝްރޫޢުއާއި ގުޅޭގޮތުން ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރު ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށެވެ. އެހާ ހިސާބަށް މަސައްކަތް ނުނިމުނު ކަމުގައިވިޔަސް ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެ. މިހާރު އެކަމާއި ބެހޭ ފަންޑިން ޢިޝޫއެއްވެސް ނެތް ގަތުމުގެ ޕްރޮކިއުމެންޓް ތެރޭގައި އެދަނީ. ގާތްގަނޑަކަށް 800 ވަރަކަށް އޭސީ ހަރުވެސް ކުރެވިއްޖެ ކްލާސްތަކުގައި. އޭގެ ތެރެއިން އެއްބައި އެދިޔައީ. 9000 ކޮންމެވެސް ވަރެށް ޖުމްލަ މިދަނީ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ތެރެއިން ސްކޫލްތަކުގެ ހޯލްތައްވެސް ހިމަނަން ނިންމާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ މީގެކުރިން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި، ކަމެއް ނޫން ނަމަވެސް މިއީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށްވެސް ފަސޭހަވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ހޯލްތަކުގައިވެސް ކުދިންގެ އެކިކަހަލަ އެކްޓިވިޓީތައް އެބައޮވޭ. އެއީ ވަރަށް މުހިންމު ތަނެއް. ގިނަ ރަށްރަށުގައި އެއީ ސްކޫލްތަކުގެ ބޭނުމަށް އެކަނި ބޭނުން ކުރާ ތަނެއްވެސް ނޫން. ރަށުގައި ނުހުރޭ ރައްޔިތުން އެއްވެގެން އެއްވެސް ކަހަލަ އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއްވެސް. ޖަލްސާތައްވެސް ބާއްވަނީ އެ މަލްޓީ ޕާޕޮސް ހޯލްތަކުގައި. އެހެންވީމަ އެބައި އަޅުގަނޑުމެން އިތުރު މިކޮށްލީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމަސައްކަތަކީ މިމަޝްރޫޢުގެ ތެރެއަށް އިތުރުކުރެވުނު ބައެއްކަމުން މިމަސައްކަތް މިއަހަރު ނިންމާލަން ހަމަޖެހިފައިވާ ބައިގެ ތެރެއިން ނިންމާ ނުލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަހަރު ތެރޭ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާހެއް އޭސީކޮށް އޭސީތަކުގެ ކަރަންޓު އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއްގެ ތެރެއިން ހަމަޖެހިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޫލް ސްކޫލް މަޝްރޫޢުއަކީ ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ރަނގަޅު މާހައުލެއް ގާއިމްކުރެވިގެންދާނެކަމަށް ސަރުކާރުން ޤަބޫލްކުރައްވައެވެ. މިއީ ދަރިވަރުން ކްލާސްރޫމްތަކުގައި ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެ މަސައްކަތެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.