ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސް ސަސްޕެންޑްކުރުމަށް ބާސެލޯނާއިން މަސައްކަތް ފަށައިފިއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ ސްޕެއިންގެ ސެންޓަ ފޯ ދަ އެޑިއުކޭޝަން އޮފް ކޯޗަސްގެ ރައީސް މިގުއެލް އެންޖެލަ ގަލަންއެވެ.
އޭނާ ބުނަނީ ޖެހިގެން އުޅޭ މައިގަނޑު މައްސަލައަކީ ބާސެލޯނާގެ މާލީ ހިސާބުތައް ލަލީގާއިން އާއްމު ކުރުމާއި މުސާރައިގެ ލިމިޓް ދަށްކުރި މައްސަލަ އެވެ. އަދި ލަލީގާއަށް މައުލޫމާތު ހާމަނުކުރެވޭނެ މިންވަރަށް ކުލަބުގެ ސިއްރު މައުލޫމާތު އާއްމުކޮށްފައިވުމަކީ މި މައްސަލާގައި ބާސެލޯނާ އަށް ކާމިޔާވާނެ ކަމަށް ބެލެވޭ އެންމެ މުހިންމު ނުކުތާ ކަމަށެވެ.
ބާސެލޯނާއިން ވަނީ މި ކަމާ ގުޅޭ ގޮތުން ރަސްމީކޮށް ބަޔާނެއް ނެރެފަ އެވެ. އެކުލަބުން ބުނީ ލަލީގާއިން އެ ކުލަބާ ދެކޮޅަށް ކެމްޕޭނެއް ފަށާފައިވާ ކަމަށާއި ބޭނުން ކުރަމުންދަނީ ސާބިތު ނުހިފޭ ސައްހަނޫން މައުލޫމާތު ކަމަށެވެ. މިކަން ކުރަނީ ކުލަބުގެ އަގު ވައްޓާލައި އެކުލަބަށް މޮޅު ކުޅުންތެރިން އައުން ހުއްޓުވުމަށް ކަމަށެވެ.
އަދި ސައްހަ ނޫން މައުލޫމާތު ކުލަބާ ބެހޭ ގޮތުން ފެތުރުމުގެ މައްސަލާގައި ފިޔަވަޅު އަޅަން ރަސްމީކޮށް އެދޭނެ ކަމަށެވެ. މި ބަޔާން ނެރުމުގެ ކުރިން ބާސެލޯނާއިން ވަނީ ލަލީގާގެ ޑެލިގޭޓް ކޮމިޝަނުން ވެސް ވަކިވެފަ އެވެ.
އެންޖެލް ގަލަން ބުނާ ގޮތުން ބާސެލޯނާއިން ޓެބާސް ސަސްޕެންޑް ކުރުމަށް އެދެން ޖެހޭނީ އެޑްމިނިސްޓްރޭޓަން ޓްރައިބިއުނަލް ފޯ ސްޕޯޓްސްގަ އެވެ. މި އިދާރާއިން މީގެ ކުރިން ވަނީ ޓެބާސް އަށް އަދަބު ދިނުމުގެ ގޮތުން އޭނާ ޖޫރިމަނާކޮށްފަ އެވެ. އެއީ ރެއާލް މެޑްރިޑުން އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ސާބިތުވުމުންނެވެ. މިހެންވެ ސްޕޭނުގެ ސެންޓަ ފޯ ދަ އެޑިއުކޭޝަން އޮފް ކޯޗަސްގެ ރައީސް މިގުއެލް އެންޖެލަ ގަލަން ބުނެފައިވަނީ ބާސެލޯނާއިން މައްސަލަ ހުށަހަޅައިފިނަމަ ޓެބާސް ސަސްޕެންޑްވާނެ ކަމަށެވެ. ސަބަބަކީ އޭނާ ތަކުރާރުކޮށް ކުށްކޮށްފައިވާތީ ކަމަށެވެ. އަދި އޭނާ ސަސްޕެންޑްވެއްޖެނަމަ އެ މަގާމަށް އައު މީހަކު ހޮވަން ޖެހޭނެ ކަމަށާއި ލަލީގާ އާއި ބާސެލޯނާގެ ކުރިމަތިލުން ސަހަލުނުވާނެ ކަމަށެވެ.
ގަލަން ބުނާ ގޮތުން ބާސެލޯނާއިން ޓެބާސްއާ ދެކޮޅަށް މަސައްކަތް ފެށީ އެކުލަބުގެ މުސާރައިގެ ލިމިޓް ދަށްކޮށް، ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރ އަށް މި ސީޒަނުގައި ނުކުޅެވޭ ގޮތް ހެދުމަށް ލަލީގާއިން މައްސަލަ އެޕީލް ކުރުމުންނެވެ. އޮލްމޯ އާއި ވިކްޓަރ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެމުންދަނީ ސްޕޭނުގެ ސްޕްރީމް ކައުންސިލް އޮފް ސްޕޯޓްސްއިން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއީ ސްޕެނިޝް ލީގަށް ބާސެލޯނާއިން މުއްދަތަށް މާލީ ލިޔެކިއުން ހުށަހަޅާފައިނުވާ ކަމަށް ބުނެ އެ ދެ ކުޅުންތެރިން ރަޖިސްޓްރީ ނުކޮށްދިނުމުންނެވެ. ސްޕެނިޝް ލީގުން މައްސަލަ އިސްތިއުނާފު ކުރަން އުޅުމާއެކު ބާސެލޯނާއިން ވަނީ ދެ ވަނަ މި މައްސަލަ ހުށަހަޅި އެވެ. މި ފަހަރު ސްޕްރީމް ސްޕޯޓްސް ކައުންސިލުން ނިންމީ އެ ދެކުޅުންތެރިންނަށް އެންމެ މަދުވެގެން ވެސް މި ސީޒަން ނިމެންދެން ކުޅެވޭނެ ކަމަށެވެ.