ޚަބަރު

މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި


  • ސިވިލް ސަރވިސް ޤާނޫނާއި ޕެންޝަނާބެހޭ ޤާނޫނުގައި ފުށުއަރާ ކަންކަން އެބަހުރި

  • އެކި މުއައްސަސާތަކާއި ކުންފުނިތަކުންވެސް ވަކިން ޕެންޝަން އުސޫލުތައް ގެންގުޅޭ

ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީން އިސްނަގައިގެން ޕެންޝަނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކޮމިޓީން މިގޮތަށް ނިންމަވާފައިވަނީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެގޮތަށް ހުށަހެޅުއްވުމުންނެވެ.

ސިވިލް ސަރވިސް ޤާނޫނާއި ޕެންޝަނާ ބެހޭ ޤާނޫނުގައި ފުށުއަރާ ކަންތައްތައް ހުރުމުން ޑަބަލް ޕެންޝަން ދޭންޖެހި ޕެންޝަނަށް ދައުލަތުން ޚަރަދުކުރާވަރު އިތުރުވުމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ޕެންޝަން ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވަނީ އެކަކަށް ދެ ޕެންޝަން ދިނުން ނުވަތަ ޑަބަލް ޕެންޝަން ކަމަށެވެ. ސިވިލް ސާވިސް ޤާނޫނުގައި، ރިޓަޔަމަންޓް ޕެންޝަން ދިނުމާބެހޭ ހާއްސަ ޤާނޫނެއް ހެދުމާ ހަމައަށް ޕެންޝަން ދެވޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ޕެންޝަނާބެހޭ ޤާނޫނަކީ އެ ޤާނޫނުކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުނުކުރާ ކަމަށް އިދާރާތަކުން މައުލޫމާތު ދެއްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ދެ ޤާނޫނުގެ އިތުރުންވެސް ފަހުން އުފެދުނު ބައެއް ޤާނޫނުތަކުގައި ސިވިލް ސަރވިސް ޤާނޫނުގައިވާގޮތަށް ޕެންޝަންދޭން ހިމަނާފައިވާ ކަމަށާއި، މީގެ ސަބަބުންވެސް ޑަބަލް ޕެންޝަންގެ މައްސަލަދިމާވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ޕެންޝަން ދިނުމުގައި ދެ ޤާނޫނުގައި ފުށުއަރާ ކަންކަން އެބަހުރި ކަމަށާއި، ސިވިލް ސަރވިސް ކޮމިޝަނާއި ޕެންޝަން އޮފީހާ ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން އެ ކަންކަމަށް ހައްލު ހޯދަން މާލިއްޔަތު ކޮމިޓީން މަސައްކަތް ކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. މި މަސައްކަތް ކުރާއިރު ސިވިލް ސާރވިސް މުވައްޒަފުންގެ ޕެންޝަނަށް މިހާރު ލިބޭ އިނާޔަތަށް އުނިކަމެއް ނާންނަގޮތަށް އަދި އެފަރާތްތަކަށް ޕެންޝަން ފަހިވާގޮތަށް ބަދަލުތައް ގެނައުމަށްވެސް ނާޒިމް ހުށަހެޅުއްވިއެވެ.

ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، އެކި މުއައްސަސާތަައް ހިމެނޭގޮތަށް ޑަބަލް ޕެންޝަން ދިނުމަކީ، ދެމެހެއްޓެނިވި ގޮތުގައި ދައުލަތަށް ކުރެވޭނެކަމެއް ނޫން ކަމަށެވެ. މިހާރުވެސް ޕެންޝަނަށް އަހަރެއްގެ މައްޗަށް 2 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށާއި، ޕެންޝަންގެ ކަންކަން އިސްލާހު ކުރާއިރު ޕެންޝަން ދެވޭނެ އެންމެ މަތީ ޢަދަދެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ޤާނޫނުތަކުގައި ހުރި ޕެންޝަނާބެހޭ ބައިތައް އުވާލައި ޕެންޝަނާބެހޭ ހުރިހާ ކަމެއް ޕެންޝަނާބެހޭ ޤާނޫނުގެ ދަށަށް ބަދަލުކުރަންޖެހޭ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

ކޮމިޓީން ނިންމަވާފައިވަނީ އަންނަ ހަފުތާއިން ފެށިގެން ޕެންޝަނުގައި ހުރި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެގޮތުން، ސިވިލް ސާވިސް ކޮމިޝަނާއި ޕެންޝަން އޮފީހުގެ ބޭފުޅުންނާއި އެކި އިދާރާތަކާ ބައްދަލުކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.