ޚަބަރު

ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލުން

ޤަވާއިދާއި ޚިލާފަށް މާލޭގެ ދެ ސަރަހައްދެއްގައި އުޅުނު 8 ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ތަންފީޒީ އިދާރާތައް ގުޅިގެން ހާދާފައިވާ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، މާލޭގެ ދެ ސަރަހައްދެއް ވަނީ ބަލާފައެވެ. އިމިގްރޭޝަން އޮޕަރޭޝަން ހިންގާފައިވަނީ މާލޭގެ ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައެވެ. މި އޮޕަރޭޝަންގެ ތެރެއިން ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖޭގެ ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ޑީޕޯޓް ކުރުމާއި އެކު ނިޒާމުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް، އެ ފުރުސަތުވެސް ދަނީ ފަހިކޮށްދެއްމުންނެވެ.

މީގެ އިތުރުން އޮޕަރޭޝަން ކުރަނގި ނަމުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.