ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމް، ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރ ޝެޒްރާ މަންސަބްއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވަޒީރުގެ ނައިބު އަޙްމަދު ނިޒާމް ވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކުގެ އިތުރުން ރައްކާތެރިގޮތެއްގައި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ކުނި ގެންގޮސް ނައްތާލުމުގައި ދިމާވާ ދަތިތައްވެސް ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، އެކަމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވާހަކަދެކެވިގެންދިޔަކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ދާއިރާގައި ދެ ޤައުމުގެ ތަޖުރިބާ ޙިއްސާކުރުމާއެކު، ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމާބެހޭގޮތުންވެސް ވާހަކަދެކެވުނުކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސެކެޕް)ގެ މުހިންމު ދައުރު ފާހަގަކޮށް، ސަރަޙައްދީ ފެންވަރުގައި ބަދަލު ގެނައުމުގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ކުނި މެނޭޖްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާއި ޙަވާލުކޮށްފައެވެ. ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީއަށެވެ.
ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށަކާއި އެކަށީގެންވާ ގޮތުގެ މަތިން ކުނި ކޮށި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެކެވެ.