ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު، ވިއްސާރަކުރާނެ ކަމަށެވެ. އަދި ގުގުރުން އެކަށީގެންވާކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލެކެވެ. އެއީ ފުވައްމުލަށް ސިޓީއިން އައްޑޫ ސިޓީއާއި ހަމައަށެވެ. އެއިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 05:30 އިން ހެނދުނު 10:30އަށެވެ.
އަދި މީގެ އިތުރުން ކ އަތޮޅުން ފެށިގެން ގދ އަތޮޅަށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 09.45 އިން މެންދުރު ފަހު 15.30 އަށެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ.ކައްދޫއަށްށެވެ. އެގޮތުން ލ.ކައްދޫއަށް 159.5 މިލިމިޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މޫސުން އަލިވާނީ މިމަހުގެ 11 ވަނަ ދުވަހުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ކުރިއަށް އޮތް 2 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.