ޚަބަރު

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދު ކޮށްލި ޣައްޒާގެ ރައްުޔިތުންގެ ޢަދަދު 58ކަށް


ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 58 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީން ދިމް ޙަމަލާތަކުގައި އިތުރު 213 މީހުންނަށް ޒަަހަމް ވެފައިވާ ކަމަށެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ މަހެއްހާ ދުވަހު މެދުކެނޑިފައި އޮތުމަށް ފަހު އެއްބަސްވުމާ ޚިލާފަށް މިދިޔަ މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ޔަހޫދީން އަލުން ޙަމަލާ ދެމުން ދަނީ އަސްކަރީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައި ނޫންކަމަށެވެ. ނަމަ ވެސް އެއީ ޣައްޒާގެ ކުށެއް ނެތް ރައްޔިތުންގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި ދެމުންދާ ޙަމަލާތަކެއްގެ ގޮތުގައި ޙަމާސުން ވަނީ ސިފަ ކޮށްފައެވެ.

ޙަމާސުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޔަހޫދީންގެ ނިރުބަވެރި ޖަރީމާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ. ޔަހޫދީންގެ ޙަމަލާތައް ކިތަންމެ ވަރުގަދަ ކުރި ނަމަ ވެސް ޣައްޒާގެ ރައްޔިތުންގެ ރޫހު ނުގުޑާނެ ކަމަށާއި، އޭގެ ބަދަލުގައި އިތުރުވެގެން ދާނީ ހަނގުރާމަައަށް ކުރިމަތިލުމުގެ ހިތްވަރު ކަމަށް އެ ޖަމާޢަތުން ބުނެއެވެ. މައުސޫމު ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންގެ ކިބައިން ބަދަލު ހިފުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ސިޔާސަތުން ޔަހޫދީންނަށް ކާމިޔާބު ނުލިބޭނެ ކަމަށާއި އެއީ ޔަހޫދީންގެ ހަލާކަށް ވެގެން ދާނެ ކަމަށް ޙަމާސުން ވަނީ ބުނެފައެވެ.

ޙަމާސުން އިތުރަށް ބުނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްގެން ޙަމާސުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީން މިނިވަން ނުކުރެވޭނެ ކަމަށެވެ. ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުން އަސީރުންގެ ފުރާނައަށް ވެސް ނުރައްކާވާ ކަމަށާއި އެ މީހުން ވެސް ޔަހޫދީންގެ ޙަމަލާތަކަުގައި މަރުވުން އެކަށީގެންވާ ކަމަށް އެ ޖަމާޢަތުން ބުންޏެވެ. އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި މަގަކީ މަޝްވަރާ ކުރުން ކަމަށް ވެސް އެ ޖަމާޢަތުން ވަނީ ފާހަގަ ކޮށްފައެވެ.