ޚަބަރު

15 އިޖުތިމާޢީ ޚިދުމަތްތެރިން ޝަހީދުކޮށްލާފައި ޔަހޫދީން ބުނީ ނުރައްކާ އިހުސާސްވީ ކަމަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ ތެރެއިން ދެމުންދާ ޙަމަލާތަކުގައި 15 އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލާފައި ވަނީ، އެ މީހުންގެ ފުށުން ނުރައްކާ އިހުސާސްވުމުން ކަމަށް ބުނެ، އެ ޖަރީމާއިން ބަރިއްޔަވުމަށް ޔަހޫދީ ފައުޖުން އަނެއްކާ ވެސް ބަޔާނެއް ނެރެފިއެވެ. ޣައްޒާގެ ދެކުނުގައި އޮތް ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގި ނިރުބަވެރި އޮޕަރޭޝަނެއްގައި 15 ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލާފައި ވަނީ މާރިޗު 23ވަނަ ދުވަހުއެވެ. އަދި، އެ މީހުންގެ ހަށިތައް ވަޅުލުމަށް ފަހު، ޔަހޫދީ ފައުޖުން ވަނީ އެ ކަމުގެ ޙަޤީޤަތް ފޮރުވުމަށް ކުރިން ވެސް ދޮގު ބަޔާންތަކެއް ނެރެފައެވެ.

ޝަހީދު ކޮށްލާފައިވާ 15 މީހުންގެ ތެރޭގައި ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއާއި ރެޑް ކްރެސެންޓުގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)ގެ މުވައްޒަފުން ވެސް ހިމެނެއެވެ. އަދި، އެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އިތުރު މީހެއްގެ ހަށިގަނޑު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ އިދާރާތަކުން ހާމަކުރިއެވެ.

ޔަހޫދީ ފައުޖުން އެންމެ ފުރަތަމަ ބުނެފައި ވަނީ، އެ އިދާރާތަކުގެ އުޅަނދުތަކެއްގައި ދަތުރު ކުރަމުން ދިޔަ މުޖާހިދުންގެ ބަޔަކަށް ޙަމަލާދީ، އެ މީހުން ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. އަދި، އެ މީހުން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކާއި އެމްބިޔުލާންސަށް ޙަމަލާ ދީފައި ވަނީ، ޝައްކު ކުރެވޭ ގޮތަަކަށް އަމަލުތައް ހުރުމުން ކަމުގައެވެ. އުޅަނދުތަކުގެ އެމަރޖެންސީ ދިއްލުންތައް ދިއްލާފައި ނެތް ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުނެފައިވެއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޙަމާސާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.

ޔަހޫދީންގެ ޖަރީމާގެ ޙަޤީޤަތް ފަޅާއެރުން

ނަމަވެސް، އެ މީހުން ޝަހީދު ކޮށްލުމަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ޙަޤީޤަތް މި ވަނީ ފަޅާ އަރާފައެވެ. އަދި، އެ މީހުން ހުއްޓުވައި، އެއްވެސް ރަޙުމެއް ނެތި ޙަމަލާދީ ޝަހީދު ކޮށްލާ މަންޒަރު ފެންނަ ވީޑިޔޯއެއް ވަނީ ޢާންމު ކޮށްފައެވެ. އެ ވީޑިޔޯ ފެނިފައި ވަނީ ޝަހީދުކޮށް ވަޅުލާފައިވާ ޞިއްޙީ ޚިދުމަތްތެރިއެއްގެ މޮބައިލް ފޯނުންނެވެ. އެ ވީޑިޔޯ ޢާންމު ކޮށްފައި ވަނީ ފަލަސްޠީނުގެ ރެޑް ކްރެސެންޓުންނެވެ.

އެ މީހުން ޝަހީދު ކޮށްލުމަށް ފަހު، އެ ޖަރީމާއިން ބަރިއްޔަވުމުގެ ގޮތުން ޔަހޫދީ ފައުޖުން މިހާރު ބުނީ، އެ މީހުންގެ ފުށުން ޔަހޫދީ ސިފައިން ނުރައްކާވެފައިވާ ކަމުގައެވެ. އަދި، އިޖުތިމާޢީ ޚިދުމަތްތެރިންނާ އެކު ޙަމާސްގެ ހަ މުޖާހިދުން ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި، ޙަމަލާދީ އެ ހަ މީހުން ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ޔަހޫދީ ފައުޖުން ކުރިން ބުނެފައި ވަނީ ޝަހީދު ކޮށްލާފައިވާ 15 މީހުންނަކީ ވެސް މުޖާހިދުންގެ ޖަމާޢަތްތަކަށް ނިސްބަތްވާ މީހުން ކަމުގައެވެ.

އެ ހާދިސާ ތަޙުޤީޤު ކުރަމުންދާ ކަމުގައި ޔަހޫދީ ފައުޖުން ބުނެފައިވީ ނަމަވެސް، ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ވަނީ، ޔަހޫދީ ފައުޖާ ނުބައްސައި އެ ކަމުގެ މިނިވަން ތަޙުޤީޤެއް ހިންގުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. އެއީ، އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީ ސިފައިން ހިންގާފައިވާ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ވެސް އެ ޖަމާޢަތުން ސިފަ ކުރިއެވެ. ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވައި އެ ކަމުން ބަރިއްޔަވުމަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ނެރެފައިވާ ބަޔާނަށް ރެޑް ކްރެސެންޓުން ރައްދު ދީފައެއް ނެތެވެ.

"ޝަހީދު ކޮށްލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން ޖެހޭނެ"

ރެޑް ކްރެސެންޓާއި އދން ބުނީ، ޝަހީދު ކޮށްލާފައިވާ 15 މީހުންނަކީ، ރަފަޙަށް ޔަހޫދީ ފައުޖުން ދެމުން ދިޔަ ޢުދުވާނީ ޙަމަލާތަކެއްގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ 17 މީހުންގެ ޓީމެއްގައި ހިމެނޭ މެންބަރުން ކަމުގައެވެ. އދން ބުނީ، އެ މީހުންނަށް އަމާޒުކޮށް ދެ ފަހަރެއްގެ މަތިން ޔަހޫދީ ސިފައިން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ކަން، މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން ސާފުވާ ކަމުގައެވެ.

"ޝަހީދު ކޮށްލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން ޖެހޭނެ، އަދި އެ ކަމުގައި ޒިންމާވާ ހުރިހާ އެންމެ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ ކަން ކަށަވަރު ކުރަން ޖެހޭނެ،" ރެޑް ކްރެސެންޓުގެ ތަރުޖަމާނު ނިބާލް ފަރަސަޚު ވިދާޅުވެފައިވެއެވެ. "އެހެން ނޫން ނަމަ، މި ފަދަ ޖަރީމާތަކަށް ހުއްޓުމެއް ނުގެނެވޭނެ."

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,390އަށްވުރެ އިތުރުވެފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.