ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަަށާއި، ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި މުހިންމު އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިއަށް އޮތްތާނގައި ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިދިޔަ މެއި މަހު ޢުމްރާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ދެއްވި މެހެމާންދާރީގެ ހަނދާންތައް އައުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއާއި ސަޢުދީ ޢަރަބިއްޔާގެ ސަފީރު ދެއްވިއެވެ.
ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރު މި ގުޅުމަށް 44 އަހަރު ވަނީ ފުރިފައެވެ.