ޚަބަރު

ޚިޔާލު ހޯދުމުގެ ޕޯލް: ގިނަ މީހުން އެދުނީ 2000އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް


  • އެކްސް އަދި ފޭސްބުކްގައި ހުޅުވާލި ޕޯލަށް ގިނަ ބަޔަކު ވަނީ ވޯޓު ދީފައި

  • ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަޑައެޅުން މުހިންމު

ދުންފަތް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގިނަ ރައްޔިތުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށްކަމަށް ޚިޔާލު ހޯދުމުގެ ޕޯލުން ދައްކައިފިއެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެކެވެ. ޖީލުތަކެއް އެ ވަބާގެ ތެރެއަށް ގެއްލިގެން ދާ މަންޒަރު ބަލަން ސަރުކާރަކުން ތިބެންވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، މި މައްސަލަ ހައްލުކުރުމަށް "ޖެނެރޭޝަން ބޭން" އެއް މުހިންމުކަމަށާއި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ސިއްޙީ ވަޒީރަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އަދި 3 ގޮތަކަށް ދުންފަތް ހުއްޓުވުމަށް އެމަނިކުފާނު ޢާންމުންގެ ޚިޔާލަށް ހުޅުވާލެވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަޑައެޅުން މުހިންމުކަމަށް އެފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢާންމުންގެ ޚިޔާލަށް ހުޅުވާލި ޕޯލުގައި ވަނީ، ދުންފަތުން ސަލާމަތް ކުރުމަށް ޤާނޫނެއް ހެދުމަށް ނިންމަވާފައިވަނީ 2000ވަނަ އަހަރުން ފެށިގެން ނުވަތަ 2004ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށެވެ.

މި ތިން އުމުރުފުރާއާ ގުޅޭގޮތުން ޢާންމުގެ ޚިޔާލަށް ޕޯލް ހުޅުވާލެއްވީ މިމަހުގެ 3ވަނަ ދުވަހުއެވެ. އެ ޕޯލުގެ ވަގުތު މިއަދު މެންދުރު 3:12ގައި ހަމަވެފައިވާއިރު ޕޯލްގެ ނަތީޖާ ދައްކާގޮތުން ގިނަ ރައްޔިތުން އެދެނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތާއި ދުންފަތުގެ އުފެއްދުންތައް މަނާކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހުޅުވާލި ޕޯލަށް 5500 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު %51.1 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ. ފޭސްބުކްގައި ހުޅުވާލާފައިވާ ޕޯލަށް 5000އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު %72 މީހުން ވަނީ 2000 ވަނަ އަހަރު ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

އަދި އިންސްޓަގްރާމްގައި ހުޅުވާލި ޕޯލްގައި %45 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެން ދާނެކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ވަނީ މަޝްވަރާތައްވެސް ފަށްޓަވާފައެވެ. އެގޮތުން، ސިއްޙީ ވުޒާރާއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިޢްޔާއާއި ޔުނިސެފްގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ. އެ ފަރާތްތަކުން ވަނީ މި މަސައްކަތުގައި ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުން ސިއްޙީ ވުޒާރާއަށް ލަފާ ދެއްވާފައެވެ.