ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާ ގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯއާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންދަނީ ސިއްޙީ ވުޒާރާއިންނެވެ. އެގޮތުން ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތައް ފަށާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދުންފަތުން ރައްކާތެރި ޖީލެއް ބިނާ ކުރުމަށް ޖެނެރޭޝަން ބޭންއެއް ތަޢާރަފު ކުރަން ނިންމަވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ ރައްޔިތުންނަށް މައުލޫމާތު ހާމަކުރެއްވުމަށް ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތެރެއިންނެވެ. އެގޮތުން، ދުންފަތް މަނާކުރުމަށް ތިން އުމުރުފުރާއަކަށް ވިސްނަވާފައިވާ ކަމަށާއި އޭގެތެރެއިން ދުންފަތް މަނާކުރުމަށް ނިންމަވާފައިވަނީ އެއް އުމުރުފުރާއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލަށްވެސް ހުޅުވާލައްވާފައެވެ. އެގޮތުން، އެމަނިކުފާނު ނިންމަވާފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ނުވަތަ 2004 ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.
If a generational ban on smoking were to be implemented in the Maldives, to protect the health of our youth and future generations from the harmful effects of smoking, which of the following would be the most appropriate starting point?
— Dr Mohamed Muizzu (@MMuizzu) April 3, 2025
ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
"18 އަހަރާއި 25 އަހަރާ ދޭތެރޭގައި އަދި އެއީ އެހާ ގިނަ ދުވަހެއް ނޫން. ކުދިން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އުޅޭތާ. އެކުދިން އެވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެއޭ 30, 40 އަހަރުވެފައިވާ މީހުން އެކަމުން ސަލާމަތްކުރަން ބޭން ކުރުމަށްވުރެ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ބޭންއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައިވާއިރު ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއިންނާއި ޔުނިސެފުން ލަފާ ދެއްވާފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.