ކުޅިވަރު

ވެމްކޯ ނުކުންނާނީ ތައްޓަށް: ކޯޗު އަދީލް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރާ ވީއޭއެމް ކަޕުގައި ވާދަކުރުމަށް ކުލަބު ވެމްކޯއިން ވަނީ ފޯރިއާއެކު ޕްރެކްޓިސް ފަށާފައެވެ. ފާއިތުވެ ދިޔަ ސީޒަނުގައި އެންމެ ކާމިޔާބު ކުލަބުކަމަށްވާ ވެމްކޯއިން ޕްރެކްޓިސް ފަށާފަވާއިރު، ފާއިތުވެ ދިޔަ އަހަރުވެސް ޓީމުން ފެނުނު ހުނަރުވެރި ކުޅުންތެރިން މިއަހަރުވެސް ފެންނާނެކަމަށާ އޭގެ އިތުރުން އައު ކުޅުންތެރިންވެސް ޓީމާ ވަރަށް އަވަހަށް ގުޅޭނެކަމަށް ކުލަބު ވެމްކޯގެ ކޯޗު އަހުމަދު އަދީލްވަނީ މައުލޫމާތު ދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ތަޖުރިބާކާރު ކޯޗު އަދީލްބުނީ މިމަހުގެ ނުވަވަނަ ދުވަހު ފަށާ ވީއޭއެމްކަޕަށް ވާންޖެހޭ ތައްޔާރީތައް ވެމްކޯއިން ފޯރިއާއެކު ވަމުންދާ ކަމަށާ، އެހެންނަމަވެސް ޗުއްޓީ ދުވަސްވަރާ ގުޅިގެން ބައެއް ކުޅުންތެރިން އަދި ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާފަނުވާކަމަށެވެ. ޕްރެންޓިސްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އަދީލްބުނީ އެންމެ ބޭނުންވާ ދުވެލީގައި އަދި ޕްރެކްޓިސްތައް ކުރިއަށް ނުދިޔަ ނަމަވެސް ސީޒަން ފެށުމާއެކު ޕްރެކްޓިސްތައް ވަރުގަދަކުރަން ވިސްނާފަވާކަމަށެވެ.

މިދިޔަ ސީޒަނުގެ ހަތަރު ތަށި ހިއްލާލި ވެމްކޯގެ ސްކޮޑުގައި ފާއިތުވެ ދިޔަ ސީޒަނުންވެސް ފެނުނު ހުނަރުވެރިން ފެންނާނެކަން ފާހަގަކުރަމުން އަދީލް ބުނީ ތައިލެންޑްގެ ފަސްޓް ޑިވިޝަނަށް ކުޅޭ ދެ ކުޅުންތެރިއަކުވެސް ޓީމާ ގުޅޭނެކަމަށެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ލިބަރޯ މައިހާވެސް ވެމްކޯ ޓީމާ ގުޅިފައިވާއިރު، އޭނާގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށްވެސް އަދީލް ފާހަގަކުރިއެވެ.

މުބާރާތަލް ފެށެން ވަގުތު ކުޑަތަންވެފައިވާއިރު، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަށި ދިފާއުކުރުމަށް އޮންނަ ޕްރެޝަރުކަމަށް ފާހަގަކުރަމުން އަދީލް ބުނީ ތަށި ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުކަމަށާ، މުޅި ޓީމުންވެސް އެކަމަށް ކުރާ އުއްމީދު ބޮޑުވުމަކީ ކުޅުންތެރިންނަށް އިތުރު ޕްރެޝަރަކާ ކުރިމަތިވާ ކަމެއްކަމަށެވެ.
"ޗެލެންޖިންވާނެ އިނގޭތޯ އެހެން ޓީމުތައްވެސް ވަރަށް ގަދައަށް މަސައްކަތްކުރަމުން އެބަދޭ. އެހެންވީމަ އަޅުގަނޑުމެން ދިފާއުކުރަން ވަރަށް މަސައްކަތްކުރަންޖެހޭނެ. އާއްމުކޮށް ދިފާއުކުރަން ކުރަންޖެހޭ މަސައްކަތްޖެހޭނީ އެހެން ޓީމުތަކަށްވުރެ އިތުރަށް ވަރުގަދަކުރަން. އޭރަށް ތަށްޓެއް ދިފާއު ކުރެވޭނީ" އަދީލް ބުންޏެވެ.

މާލޭ ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްދިޔަ ވެމްކޯގެ ޕްރެކްޓިސްގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން އަދީލް ބުނީ ވެމްކޯއަކީ ތަށްޓަށް ނިކުންނަ ޓީމެއްކަމަށާ އެކަމަށް ގަދައަޅާ މަސައްކަތްކުރާނެކަމަށެވެ. އަދި މުބާރާތް ފެށުމާއެކު އެހެން ޓީމުތަކުގެ ކުޅުމަށް ބަލާ ކުދިކުދި ބަދަލުތައް ވެމްކޯ ޓީމަށް ގެންނާނެ ކަމަށެވެ. މުބާރާތުގައި ވާދަކުރުމަށް ނިކުންނާނީ ދެންވެސް ތިބީ ވަރުގަދަ ޓީމުތަކެއްކަމަށް ގަބޫލުކޮށްގެން ކާމިޔާބު ހޯދުމަށްކަމަށް އަދީލްގެ ވާހަކައިގައި ފާހަގަކުރިއެވެ.

"ވެމްކޯއަކީ އަބަދުވެސް މަސައްކަތްކޮށްގެން ހަމަ ތަށްޓަށް ނިކުންނަ ޓީމެއް. ވޭތުވެ ދިޔަ މުބާރާތްތަކުންވެސް އެނގޭނެހެން އަޅުގަނޑަށް ހީވަނީ" އަދީލް ބުންޏެވެ.

ވެމްކޯ ޓީމަކީ ޓީމު ވޯރކް ވަރަށް ރަނގަޅު ޓީމެއްކަން ފާހަގަކުރަމުން އަދީލް ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ މުބާރާތަށް ނުކުތުމަށް ވަރަށް ޖޯޝާއި ފޯރީގައި ކަމަށެވެ. ވެމްކޯ ޓީމުގެ ކާމިޔާބުގެ އަސްލަކީ ކުޅުންތެރިންގެ މިންނެތް މަސައްކަތާއެކު، ވެމްކޯގެ ފަރާތުން ދޭ އެއްބާރުލުން ކަމަށާ އެހެންކަމުން ވެމްކޯގެ މެނޭޖްމަންޓާއި، ސްޓާފުންގެ އިތުރުން ކުލަބަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާކަމަށް، ފާއިތުވެ ދިޔަ ސީޒަނުގައި ޓީމަށް ހަތަރު ތަށި ކަށަވަރުކޮށްދިން ކާމިޔާބު ކޯޗު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުންޏެވެ.