ވީއޭއެމް ކަޕް 2025 އަށް އަލަށް ކޮލިފައިވެފައިވާ ސިޓީ ފްރެންޑްސް ކުލަބުވެސް މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިބްރާހީމް ފާރިހު ބުނެފިއެވެ.
ވީއޭއެމް ކަޕަށް ސިޓީ ފްރެންޑްސް އިން ކުރިޔަށް ގެންދާ ފަރިތަކުރުންތަކާއި ގުޅޭ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާއި ހިއްސާ ކުރަމުން ފާރިހު ބުނީ ޕްރެކްޓިސްތައް ފުދޭވަރަކަށް ރަނގަޅަށް ކުރިޔަށް ގެންދެވޭ ކަމަށެވެ.
މިއީ އޭނާ ކޯޗުކަމާއި ހަވާލުވި ފުރަތަމަ ފަހަރު ކަމަށާއި ސިޓީ ފްރެންޑްސް ކުލަބު ވީއޭއެމް ކަޕަށް ކޮލިފައިވުމަކީ އެ ކުލަބުގެ ރައީސް މަރްހޫމް ފަތުހުﷲގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ފާރިހު ބުންޏެވެ.
ފާރިހުގެ އިރުޝާދުގެ ދަށުން ސިޓީ ފްރެންޑްސް ކުލަބުން، އެސޯސިއޭޝަން ކަޕަށް ނިކުންނައިރު މުބާރާތްތަކުގައި ކުޅޭ ތަޖްރިބާ ހުރި ކުޅުންތެރިންވެސް އެޓީމުގައި ހިމެނެއެވެ.
ސިޓީ ފްރެންޑްސް ކުލަބު ވީއޭއެމްކަޕަށް ކޮލިފައިވީ ފެބުރުއަރީމަހު ކުރިޔަށް ދިޔަ ފްރިޕިމިނަރީ ބުރުގައި 2-3 އިން ގުޑީސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ. ސިޓީ ފްރެންޑްސް ކުލަބުން ފަރިތަކުރުންތައް ބާއްވަނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައެވެ.
ވީއޭއެމް ކަޕް 2025 ފެށުމަށް ހަމަޖެހިފައިވަނީ 9 އޭޕްރީލްގައެވެ. މުބާރާތް ކުރިޔަށްދާނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައެވެ.
ވޮލީ ބޯޅަ އެސޯސިއޭޝަނުން ނިންމާފައިވަނީ މިއަހަރު އަންހެން އަދި ފިރިހެން ޑިވިޝަނުގެ މުބާރާތްތައް ވަކި ވަކިން ކުރިޔަށް ގެންދިއުމަށެވެ. ވީއޭއެމް ކަޕް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ. އެސޯސިއޭޝަން ކަޕަށްފަހު އޮންނާނީ ގައުމީ ލީގެވެ. ވީއޭއެމް ކަޕް ނިމުމުން ގައުމީ ލީގަށް ކޮލިފައިވާ ޓީމުތައް އެނގިގެންދާނެއެވެ. އެގޮތުން ވީއޭއެމް ކަޕުގައި ކުޅޭ 8 ޓީމުގެ ތެރެއިން އެންމެ މޮޅު 6 ޓީމު ގައުމީ ލީގަށް ކޮލިފައިވާނެއެވެ. އަންހެން ޑިވިޝަނުގެ ފަހު މުބާރާތަކަށް އޮންނާނީ އޭޕްރީލްމަހުގެ ފަހުކޮޅު ފަށާ ނޭޝަނަލް ޗެމްޕިއަންޝިޕެވެ.