ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕަށް މުޅިން އަލަށް ކޮލިފައިވެފައިވާ ނައިފަރު ޖީޖީ ސްޕޯޓްސް އެކެޑަމީން މުބާރާތަށް ނުކުންނާނީ ބިދޭސީ ދެ ކުޅުންތެރިން ހިމަނައިގެން ކަމަށް އެ ކުލަބުގެ ކޯޗު މުޙައްމަދު ފައިސަލް ބުނެފިއެވެ.
ޓީމުގެ ފަރިތަކުރުންތައް ކުރިޔަށްދާ ގޮތާއި ގުޅޭ މައުލޫމާތު 'ޕީއެސްއެމް ނިއުސް' އާއި ހިއްސާކުރަމުން ފައިސަލް ބުނީ ޖީޖީ ސްޕޯޓްސް އެކެޑަމީގެ ގިނަ ކުޅުންތެރިންނަކީ ރަށްރަށުން އަންނަ ކުޅުންތެރިން ކަމަށާއި، އިންޑިއާއިންވެސް ދެ ކުޅުންތެރިން ކުލަބާއި ގުޅޭ ކަމަށެވެ.
ފަރިތަކުރުންތައް ބާއްވާތާ ހަފްތާއެއްހާ ދުވަސްވެއްޖެ ކަމަށާއި، އެހެންނަމަވެސް އެންމެ ބޭނުންވާ ގޮތަށް ކުރިޔަށް ނުގެންދެވޭ ކަމަށްވެސް ފައިސަލް ފާހަގަކުރިއެވެ. އެހެންނަމަވެސް ލީގަށް ކޮލިފައިވުމުގެ އަޒުމު އެ ޓީމުގައިވެސް އެބައޮތެވެ.
"މުބާރާތުގައި އެންމެ ފުރަތަމަ ޓާގެޓަކަށް މީނީ ހަމަ ލީގަށް ކޮލިފައިވުން. ފުރަތަމަ ބުރުގައި ކުޅޭ މެޗުތަކުގެ ތެރެއިން ގުރޫޕް ސްޓޭޖުން މެޗު ކާމިޔާބުކޮށް ލީގަށް ކޮލިފައިވުން ޓާގެޓަކީ" ފައިސަލް ބުންޏެވެ.
ޖީޖީ ސްޕޯޓްސް އެކެޑަމީން ވިއޭއެމްކަޕަށް ތައްޔާރުވަމުން އަންނައިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވާ އެހެން ކުލަބުތަކުންވެސް އަންނަނީ ވަރަށް ފޯރީގައި ތައްޔާރުވަމުންނެވެ. ތައްޔާރުވާން ލިބުނު މުއްދަތު ކުޑަވުމާއި ރޯދަމަހާއި ދިމާވުމުގެ ސަބަބުން ހުރިހާ ކުލަބަކަށްވެސް ދަތިތަކެއް ކުރިމަތިވިއެވެ.
ވީއޭއެމްކަޕަށް މިއަހަރު މުޅިން އަލަށް 4 ޓީމެއް ކޮލިފައިވިއެވެ.
މުބާރާތަށް އަލަށް ކޮލިފައިވި ކުލަބުތަކަކީ ޖީޖީ ސްޕޯޓްސް އެކެޑަމީ އާއި ހުރާ ކޮމިއުނިޓީ ކުލަބާއި، އަސްދިގާ ކުލަބު އަދި ސިޓީ ފްރެންޑްސް ކުލަބެވެ.