އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ފަސްވަނަ މަގާމު ނިއުކާސަލް ޔުނައިޓެޑުން ހޯދައިފިއެވެ.
މި މެޗުން މޮޅުވުމާއިއެކު ނިއުކާސަލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން އެ ޓީމަށް ލިބިފައިވާ 53 ޕޮއިންޓާއެކު ވަނީ ތާވަލުގެ ފަސްވަނަ މަގާމު ލިބިފަ އެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އެއް މެޗު އިތުރަށް ކުޅެގެން 53 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނި ފައިދާ ގޯލުގެ ތަފާތުންނެވެ.
ލެސްޓަރ ސިޓީގެ ކިންގް ޕަވާރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ޖެކޮބް މާފީ ވަނީ ލަނޑެއް ޖަހާ ނިއުކާސަލް ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު ޖަހަން އޭނާއަށް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ޓިނޯ ލިވްރަމެންޓޯ އެވެ.
އަދި އޭގެ ނުވަ މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ ނިއުކާސަލްގެ ހާފު ތެރޭގައި ހުރެފައި ފަބިއަން ޝާ ފޮނުވާލި ބޯޅައެއް ލެސްޓަރގެ ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު މާފީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ނިއުކާސަލް ޔުނައިޓެޑް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހާވޭ ބާރންސް އެވެ.
ލެސްޓަރ ސިޓީއަށް މި މެޗުގައި ލަނޑުޖަހަން ލިބުނު އެންމެ ރަގަޅު ފުރުސަތު ލިބިފައިވަނީ ޕެޓްސަން ޑަކާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ލެސްޓަރ ސިޓީގެ ކޯޗު ރޫޑް ވެންނިސްޓެލްރޫއީ ވަނީ އެ ޓީމުގެ ޒުވާން ފޯވަޑް ޖެރެމީ މޮންގާ ދެވަނަ ހާފުގައި ކުޅެން އަރުވާފަ އެވެ. މި ބަދަލާއިއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ކުޅުނު އެންމެ ޒުވާން ދެވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. މީގެ ކުރިން ޕްރިމިއާ ލީގުގައި ކުޅެފައިވާ އެންމެ ޒުވާން ކުޅުންތެރިއަކީ އާސެނަލްގެ އީތަން އެންވަނޭރީ އެވެ.