2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު، އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނުތައް ފެށުމާއެކު، ހުޅަނގު އައްސޭރިއަށް ވެސް ޔަހޫދީންގެ ނިރުބަވެރި ފައުޖުގެ އަނިޔާ ވެރިކަން މާލަސްތަކެއް ނުވެ ފެތުރޭނެ ކަން، ފައެޒް އާތިލްއަށް ރަނގަޅަށް އެނގެއެވެ.
އާތިލް އަކީ އުރުދުންގެ ވާދީގައި ފަލަސްޠީނުގެ ކުޑަކުޑަ އަވަށެއް ކަމަށްވާ ޒަނޫތާއަށް ނިސްބަތްވާ ބަކަރި ހުރިހައްޕާ މުޖުތަމަޢުއަށް ނިސްބަތްވާ މީހެކެވެ.
ޔަހޫދީންގެ ޣައިރު ޤާނޫނީ ވަޒަންވެރިންގެ އަނިޔާތަކާއި ޖެއްސުންކުރުމާއި ފުރައްސާރައަކީ ޒަނޫތާގެ މުޖުތަމަޢުއަށް އާ ކަމެއް ނޫނެވެ.
ނަމަވެސް، ޣައްޒާގެ ނަސްލު ހޭދަކުރުމުގެ ނިޔަތުގައި އިސްރާއީލުން ފެށި ޢުދުވާނުތަކާއެކު، ޔަހޫދީންގެ ޣައިރު ޤާނޫނީ ވަޒަންވެރިންގެ ޢަމަލުތައް އެތައް ގުނައަކުން މައްޗަށް ދިޔައެވެ.
"ކުއްލި އަކަށް ހަނގުރާމައެއްގެ އިޙްސާސް ކުރެވުނު. ކޮންމެ ރެއަކު ޣައިރު ޤާނޫނީ ވަޒަންވެރިން އަޅުގަނޑުމެންގެ ބަކަރިތައް ވަގަށް ނަގައި، ތަކެއްޗަށާއި މުދަލަށް ގެއްލުންދޭނެ،" އޭނާ ކިޔައިދިނެވެ.
ޒަނޫތާގެ 250 އެއްހާ ރައްޔިތުން މަޑުމަޑުން ރަށް ދޫކޮށް ދިޔައީ، ޔަހޫދީ ވަޒަންވެރިން ދެމުންދިޔަ އަނިޔާތަކަށް ކެތްނުކުރެވިގެންނެވެ.
އާތިލް ވެސް އޭނާގެ އާއިލާ ގޮވައިގެން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަމިއްލަ ގެދޮރު ދޫކޮށް ޒަނޫތާއިން ނުކުތީ، 77 އަހަރުގެ މުސްކުޅިއެއްގެ ގައިގައި ތަޅައި އަނިޔާކުރި މަންޒަރު ފެނި، ބިރުންނެވެ.
"އެ މީހާ އާއި އޭނާގެ އަންހެނުން އަދި ދަރިން ގައިގައި ތަޅައި އަނިޔާކުރީ. އެއީ ޖިސްމާނީ ގޮތުން އެފަދަ އަނިޔާއެއް ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ފެނުނު ފުރަތަމަ ފަހަރު،" އޭނާ ބުންޏެވެ.
ޒަނޫތާ އަކީ ބަދަވީންގެ ދަރިކޮޅު ދިރިއުޅެމުން އައި އަވަށްތަކުގެ ތެރެއިން، ޔަހޫދީންގެ ޣައިރު ޤާނޫނީ ވަޒަންވެރިން ފޭރިގަތް 46 ވަނަ އަވަށެވެ.
ތިން ބަޔަކަށް ބެހިފައިވާ ހުޅަނގު އައްސޭރީގައި، ޔަހޫދީ ވަޒަންވެރިން ފޭރެމުންދަނީ މައިގަނޑު ގޮތެއްގައި އޭރިޔާ ސީ ގެ ބިންތަކެވެ. މިއީ ހުޅަނގު އައްސޭރީގައި ދަނޑުވެރިކަން އެންމެ ރަނގަޅު ބިންތަކެވެ.
އަދި އެ ސަރަޙައްދަކީ ޔަހޫދީންގެ ނިރުބަވެރި ސިފައިން އެންމެ ގިނަ ސަރަޙައްދުކަމުން، އެތަނުގެ ބިންތައް ފޭރިގަންނަން ޔަހޫދީންގެ ޣައިރު ޤާނޫނީ ވަޒަންވެރިންނަށް ފަސޭހައެވެ.
ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުގެ ތެރޭގައި ކުރި މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީން އަތްގަދަކޮށް, އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ބިމެކެވެ. އެ ބިމުގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ކަނޑައެޅުމަށް ފަލަސްޠީނުގެ މުސްލިމުން ދަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް, ޔަހޫދީން ދަނީ އެ ކަމަށް ހުރަސް އަޅަމުންނެވެ.
ފާއިތުވި 32 އަހަރުގެ ތެރޭގައި ޔަހޫދީންގެ ވަޒަންވެރިންގެ އަދަދު ވަނީ 200،000 އިން 750،000 އަށް ވުރެ އިތުރުކޮށްފައެވެ.