ޚަބަރު

ޙަމާސުން ޔަހޫދީންގެ ރަށްތަކަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް


ޔަހޫދީން ވެރިވެގަނެ، ގަދަކަމުން ވަޒަންވެރިވެ ތިބި ރަށްތަކަށް، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުން ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފިއެވެ. މިއީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމަށް ރައްދު ދިނުމުގެ ގޮތުން ދީފައިވާ ނުރައްކާތެރި ޙަމަލާތަކެކެވެ. ޙަމާސްގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ ދެކުނުގެ ރަށްތަކަށެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,300އަށްވުރެ އިތުރުވެފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

ޢަސްޤަލާނަށް ދިން ޙަމަލާގައި 12 މީހުން ޒަޚަމުވި

އިސްރާއީލުގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް ޙަމާސުން 10 ރޮކެޓު ބޭނުން ކޮށްގެން ޙަމަލާ ދީފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަހޫދީން ބުނީ، ޙަމަލާތަކުގައި ޙަމާސުން ބޭނުން ކޮށްފައިވާ ރޮކެޓުތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ނަމަވެސް، އިސްރާއީލުގެ ޗެނަލް 12 ނޫހުން ބުނީ، ޔަހޫދީން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ރަށެއް ކަމުގައިވާ ޢަސްޤަލާނަށް ރޮކެޓު ޙަމަލާއެއް އަރައި، ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އަދި، 12 މީހަކަށް އެކިވަރުގެ އަނިޔާތަށް ލިބުނު ކަމުގައެވެ.

ޙަމާސްގެ ޙަމަލާތަކުގައި ޢާންމުންގެ އެކަކަށް އަނިޔާވެ، ފަރުވާ ދޭން ޖެހުނު ކަން އިސްރާއީލުގެ އެމަރޖެންސީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އިދާރާއިން ވެސް ކަށަވަރު ކޮށްދިނެވެ. އެ އިދާރާއިން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ، ޙަމާސްގެ ޙަމަލާގައި ގެއްލުން ލިބިފައިވާ އެއްގަމު އުޅަނދުތަކެކެވެ.

ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް، އޭނާގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާތްގާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދަނީ ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަހަރުގެ ދެކުނުގައި އޮތް ޚާން ޔޫނިސްގެ އަލް-ނާޞިރު ހަސްފަތާލު ކައިރީގައި ޖަހާފައިވާ ފޭލިގެތަކަށެވެ. އެ ޙަމަލާތަކުގައި ދެ މީހުން ޝަހީދުކޮށްލައި، އިތުރު ހަތް މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ އިދާރާތަކުން ހާމަކުރިއެވެ.

ޣައްޒާގެ އިތުރު ބިންތައް ހުސްކުރުމަށް ޔަހޫދީން އަމުރު ނެރުން

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 50އަށް އުފުލިފައިވާ ކަން ވެސް އެ އިދާރާތަކުން ހާމަކުރިއެވެ. އެއަށް ފަހު، އެ ސަހަރުގެ މެދުތެރޭގައި އޮތް ދަޔިރް އަލް-ބަލަޙްގެ ފަސް ސަރަޙައްދެއް ހުސް ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ އަމުރު ނެރެފައެވެ. ޔަހޫދީންގެ އަމާޒަކީ، ޣައްޒާގެ ބިންތައް ފޭރިގަތުމެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރަމުން މި ދަނީ، ހައްދުފަހަނަ އެޅި ނަތަންޔާހޫ އޭނާގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޓްރަމްޕާ ބައްދަލު ކުރުމަށް ވޮޝިންގޓަނަށް ދަތުރު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ޢާންމުންގެ ގެދޮރާއި، މިސްކިތްތަކާއި ހަސްފަތާލުތައް އަދި މަދަރުސާތަކަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުުޖުން ބޭނުން ކުރަމުން ދަނީ ރައީސް ޓްރަމްޕްގެ އަމުރަށް އިސްރާއީލަށް ފޮނުވަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކެވެ.