ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.
މިއޮޕަރޭޝަންގައިވަނީ މާލޭގައި ހިންގާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމީހުންނަކީ ސައްހަ ވިޒާއެއް ނެތި މަސައްކަތްކުރަމުންދިޔަ 6 ބިދޭސީންކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ކެފޭތައް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ދެނެގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެގޮތުން މިމަހުގެ 4 ވަނަ ދުވަހު ހިންގި ރެއިޑް އޮޕަރޭޝަނެއްގައިވެސްވަނީ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށް، ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން މިދިޔަ މަހުގެ 23 ގައި ހިންގި މިފަދަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިންވެސް މާލޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކުވެސް އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުންވަނީ މިދިޔަ އަހަރު އެކަނިވެސް 5600އަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.